މަސައްކަތު މާހައުލުގައި ނަފްސާނީ ސިއްހަތަށް އިސްކަން
ދެވިއްޖެ ނަމަ މުވައްޒަފުންގެ ދުޅަހެޔޮކަން ރަނގަޅުވެ މުއައްސަސާތަކުގެ
އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ނަފްސާނީ ޞިއްޙަތުގެ މުހިއްމުކަން މުޅިދުނިޔޭގެ
ސަމާލުކަމަށް ގެނަސް އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމަށްޓަކައި
ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަސް ޚާއްސަކޮށްފައިވަނީ ނަފްސާނީ ސިއްޙަތުގެ ދުވަހުގެ
ގޮތުގައި ކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ކަނޑައަޅާފައެވެ.
މިއަހަރު
ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން
ކަނޑައަޅާފައިވަނީ" Mental Health at Work ' ނުވަތަ "މަސައްކަތުގެ ވެށީގައި ނަފްސާނީ ދުޅަހެޔޮކަން" މި ޝިޢާރެއެވެ.
މި ދުވަހާއި ގުޅިގެން މިނިސްޓަރ ދެއްވި މެސެޖުގައި, ނަފްސާނީ ބަލީގެ ޙާލަތު ރާއްޖޭގައި ވެސް އެއްދުވަހުން
އަނެއްދުވަހަށް ނުރައްކާތެރިވަމުންދާކަން ފާހަގަކުރައްވާ، އެކަކު އަނެކަކަށް އަޅާލާ
އޯގާތެރިކަން އިސްކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ވަޒީފާގެ
މާހައުލުގައި ވެސް މުވައްޒިފުންނަށް ރައްކާތެރި، އަޅާލާ، އޯގާތެރި މަސައްކަތު މާހައްލެއް ބިނާކުރުމަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކޮށްދީ،
ވަޒީފާގެ މަޤުޞަދުތައް ހާސިލްކުރުމަށް ވަރަށް ބޭނުންތެރި ކަމެއް ކަމަށް މިނިސްޓަރ
ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ނަފްސާނީ ޞިއްޙަތަށް
ފުޅާދާއިރާއެއްގައި އިންވެސްޓްކޮށް ، ނަފްސާނީ ޞިއްޙަތުގެ ފަރުވާ ފަސޭހައިން ލިބޭނެ
އިންތިޒާމު ހަމަޖައްސަވާ، މި ފަރުވާ އަތޮޅުތެރޭގައި ވެސް ފުޅާކުރުމަކީ ސަރުކާރުގެ
އަމާޒެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ ނަފްސާނީ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު، ދުނިޔޭގެ ނިސްބަތުގައި ކޮންމެ 8 މީހަކުން އެކަކީ ނަފުސާނީ އުނދަގޫ ތަކެއް ތަޙައްމަލުކުރަމުންދާ
މީހެއްކަން ދުނިޔޭގެ
ޞިއްހަތު ޖަމްޢިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
އަދި 2022
ވަނަ އަހަރުގެ ޑަބްލިޔު އެޗް އޯގެ ސްޓެޕް ސާވޭއިން ހާމަވެފައިވާގޮތުން،ޑިޕްރެޝަންގެ އަލާމަތްތައް
ކޮންމެ 5 މީހަކުން އެކަކު ތަހައްމަލުކުރަމުން
ދެއެވެ.