"މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2020“ އާންމުކޮށްފި

27 ފެބްރުއަރީ 2022
ރާއްޖޭގެ ސިއްޙީ ތަފާސްހިސާބުތައް ދެނެގަތުމަށްޓަކައި އެކުލަވާލެވިފައިވާ "މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2020" އާންމު ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، މި ފޮތް އާއްމުކޮށްދެއްވީ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތްފީއެވެ.
މި ފޮތް ޝާއިރު ކުރުމުގެ މައިގަނޑު މަގުސަދަކީ ސިއްޙަތާއި ސިއްޙީ ނިޒާމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުކާއި ތަފާސްހިސާބު އެއް ފޮތަކުން ފަސޭހަކަމާއިއެކު އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމެވެ. މި ފޮތުގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި ވިހާ، މަރުވާ މީހުންގެ މައުލޫމާތާއި، ތަފާތު ބަލިތަކުގެ މައުލޫމާތުގެ އިތުރުން، ރާއްޖޭގެ ސިއްޙީ ނިޒާމާއި އާންމު ސިއްޙަތާއި ބެހޭ މުހިންމު ތަފާސްހިސާބުތައް ހިމެނިފައިވެއެވެ. އަދި ކޮވިޑް-19ގެ ތަފާސްހިސާބުތައް ހިމެނޭ ޗެޕްޓަރއެއް ފޮތުގައި ހިމެނިފައިވާނެއެވެ.
މި ފޮތުގައި އެކުލެވޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ %40 ޑޮކްޓަރުންނަކީ ސްޕެޝަލިސްޓް ޑޮކްޓަރުންނެވެ. އަދި ނަރުހުންގެ ތެރެއިން %59 ނަރުހުންނަކީ ދިވެހިންނެވެ. 2020 ވަނަ އަހަރު %50 އަށްވުރެ ގިނަ އަންހެނުން ވިހާފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ. އެޑްމިޓްކުރެވިގެން ފަރުވާދެވިފައިވާ %35 މީހުންނަކީ ގައިންގަޔަށް ނާރާބަލި ތަކުގައި ފަރުވާހޯދާފައިވާ މީހުންނެވެ. އަދި 2020 ވަނަ އަހަރު މުޅި ދުނިޔޭގައިވެސް ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެއިން 13000 އަށްވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވެއެވެ.
މި ހޯދުންތަކުގެ އަލީގައި ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މުހިއްމު ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެއެވެ. އަދި ސިއްޙީ ޕްރޮގްރާމްތައް ރޭވުމަށާއި ސިއްޙީ ކަންކަން ރަނގަޅު ކުރުމަށް އެޅޭނެ ފިޔަވަޅުތައް ހަރުދަނާކުރުމަށްވެސް އެހީތެރިކަން ލިބިގެންދާނެއެވެ.