ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް އަމަލުކުރަން ފެށުމުން އެކަމުގެ އެދެވޭ ނަތީޖާ މުޅި މުޖުތަމައުއަށް ކުރާނެ- މިނިސްޓަރ

06 ޖޫން 2024
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް އަމަލުކުރަން ފެށުމުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރެވި އެކަމުގެ އެދެވޭ ނަތީޖާ މުޅި މުޖުތަމައުއަށް ކުރާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ކްރޮސްރޯޑްގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގްޞަދަކީ ކާބޯތަކެތީގެ ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުވުމަކީ އޭގެ އެދެވޭ ނަތީޖާ މުޅި މުޖުތަމަޢުއަށް އަދި އިޤްތިސާދަށް ވެސް ކުރާނެ ކަމެއް ކަމަށް މިނިސްޓަރ ޚަލީލް ވިދާޅުވި އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު މި އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީޤު ކުރައްވާފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ މި ގާނޫނަށް އަމަލުކުރަން ފެށުމުން އެކަމުގެ ހެޔޮ އެދެވޭ ނަތީޖާ މުޅި މުޖުތަމައުއަށް ކުރާނެ ކަމަށެވެ.
އަދި ކމިގާނޫނުގެ ދަށުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި މިނިސްޓްރީ އޮފެ ހެލްތުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.
މި ޤާނޫނުގެ ސަބަބުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ކުރަމުންދާ މަސައްކަތްތައް ފުޅާވެ އަދި ކާބޯތަކެތި ރައްކާތެރި ކުރުމަށްޓަކައި ލިބިދޭން ޖެހޭ ޤާނޫނީ ހައިސިއްޔަތު މި އޮތޯރިޓީ އަށް ލިބިގެން ދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމަށް ކްރޮސްރޯޑުގައި މިރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.