ދިވެހިރާއްޖެއިން ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކުރަމުންދާ
މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި ޞިއްޙީ ދާއިރާގެ
އެމަރޖެންސީ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޖަޕާން ސަރުކާރުން
ގްރާންޓް އެސިސްޓަންޓް ފޯރ ގްރާސްރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓުގެ
ދަށުން 2,453,800 (ދެ މިލިއަން ހަތަރުސަތޭކަ ފަންސާސްތިން ހާސް އަށްސަތޭކަ)
ދިވެހި ރުފިޔާގެ އަގުހުރި، 8 އެމްބިއުލާންސް ހަދިޔާކުރުމަށް
އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި
މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ،
މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ޑރ. ޝާހު ޢަބްދުﷲ މާހިރުއެވެ. އަދި
ޖަޕާން ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ
ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ހަރ އެކްސެލެންސީ
ތަކެއުޗި މިދޮރި އެވެ.
މި އެއްބަސްވުމުގެ ދަށުން ލިބުމަށް ހަމަޖެހިފައިވާ
ރީކޮންޑިޝަންޑް 8 އެމްބިއުލާންސްތަކަކީ، 8 ސެޓުގެ 12 މެޑިކަލް
އިކުއިޕްމަންޓްތަކާއެކު ހަދިޔާކުރެވޭ އެމްބިއުލާންސްތަކެކެވެ. މެޑިކަލް
އިކުއިޕްމަންޓްތަކުގެ ތެރޭގައި އެޑްވާންސް ލައިޕް ސަޕޯޓް (އޭ.އެލް.އެސް)
އިކުއިޕްމަންޓް ބޭގްސް، އޮކްސިޖަން ސިލިންޑާ، ބޭގް ވޯލްވް މާސްކް އަދި
ސްޕައިނަލް ބޯޑު ހިމެނެއެވެ. މި އެމްބިއުލާންސްތައް ބޭނުން ކުރާނީ މާލެއާއި
އަތޮޅު ތެރޭގައެވެ. މިގޮތުން 2 އެމްބިއުލާންސް މާލެ ސަރަހައްދުގެ
އެމަރޖެންސީ ޚިދުމަތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާއިރު، އަނެއް 6
އެމްބިއުލާންސް ބޭނުން ކުރާނީ އަތޮޅު ތެރޭގައެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ
ހެލްތު ޑރ. ޝާހު އަބްދުﷲ މާހިރު، ޖަޕާން ސަރުކާރުގެ ފަރާތުން
ދިވެހިރާއްޖެއަށް މެދުނުކެނޑި ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވާ
ޝުކުރުއަދާކުރެއްވިއެވެ.