ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންނަށް
ޚާއްޞަކޮށްގެން، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން
އިންތިޒާމުކުރި "އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް" ތަމްރީނު
ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް
ނިންމުމުގެ ގޮތުން، 26 ނޮވެންބަރު 2026 ވީ ބުރާސްފަތި ދުވަހުގެ ރޭ ރޯޝަނީ
ބިލްޑިންގުގައި ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު
ޝަރަފުވެރިކޮށްދެއްވައި، ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް
ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
އަލްފާޟިލް މުޙައްމަދު މާހިރެވެ.
މި ތަމްރީނު ޕްރޮގްރާމަކީ "މޯލްޑިވްސް
ކޮވިޑް-19 އެމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރިޕެއާޑްނަސް"
(އީ.އާރު.އެޗް.އެސް.ޕީ) މަޝްރޫއުގެ ދަށުން، އޭޝިއަން އިންފްރާސްޓްރަކްޗަރ
އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ގެ މާލީ އެހީތެރިކަމާއެކު، ދިވެހިރާއްޖޭގެ
ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ކުރިއަށްގެންދިޔަ
ޕްރޮގްރާމެކެވެ.
22 އިން 26 ނޮވެމްބަރު 2026 އަށް ކުރިއަށްގެންދިޔަ މި
ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ 20 އަތޮޅެއްގެ ހޮސްޕިޓަލްތަކުންނާއި، މާލޭ
ސަރަހައްދުގެ ޞިއްޙީ ހިދުމަތްދޭ މުއައްސަސާތަކުން ޖުމްލަ 25 ހިދުމަތްތެރިން
ބައިވެރިވިއެވެ.
މި ތަމްރީނު ޕްރޮގްރާމް ފަރުމާކޮށްފައިވަނީ
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ "އިންފެކްޝަން
ޕްރިވެންޝަން އެންޑް ކޮންޓްރޯލް އިން-ސަރވިސް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ
ކަރިކިއުލަމް" އާ އެއްގޮތްވާ ގޮތުގެ މަތިން، ބައިނަލްއަގުވާމީ
މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. މި ޕްރޮގްރާމްގައި ތިއަރީ ބައިތަކުގެ އިތުރުން،
އަމަލީ ގޮތުން ކުރަންޖެހޭ ކަންކަން ހިމަނައިގެން ޞިއްޙީ ހިދުމަތްތެރިންގެ އިލްމާއި
ފަންނީ ހުނަރު އިތުރުކުރުމަށް މަސައްކަތް ކުރެވުނެވެ.
މި ތަމްރީނުގެ ތެރޭގައި މައިކްރޯބަޔޮލޮޖީގެ
އަސާސްތަކާއި، ބަލިފެތުރޭ ގޮތްތަކާއި، ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ
ފިޔަވަޅުތަކާއި، އަތްދޮވުމުގެ އުސޫލުތަކާއި، ޕީ.ޕީ.އީ ބޭނުންކުރާނެ ގޮތާއި،
ހޮސްޕިޓަލް ތެރެއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމާއި، ބަލިތައް ދެނެގަތުމުގެ
އިތުރުން އިންފެކްޝަން ކޮންޓްރޯލް ޕްރޮގްރާމްތަކުގެ މައިގަނޑު ބައިތަކާ ގުޅޭގޮތުން
މައުލޫމާތު ދެވުނެވެ.
މި ތަމްރީނުގެ މައިގަނޑު މަގްސަދަކީ ޞިއްޙީ ހިދުމަތްދޭ
މަރުކަޒުތަކުގައި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުދަނާކުރުމާއި،
މުޅި ރާއްޖޭގައި އެއް މިންގަނޑެއްގެ އުސޫލުތަކެއް ގާއިމުކުރުމެވެ. މީގެ އިތުރުން،
ބަލިތައް ފެތުރުން މަދުކޮށް، ބަލިމީހުންނާއި ޞިއްޙީ ހިދުމަތްތެރިންގެ
ރައްކާތެރިކަން ކަށަވަރުކުރުމަކީ ވެސް މި ޕްރޮގްރާމްގެ އަމާޒެކެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު، ބަލިތަކުން
ރައްކާތެރިވުމުގެ އުސޫލުތަކުގެ މުހިންމުކަމާއި، ތަމްރީނު ލިބިފައިވާ ސިއްޙީ ހިދުމަތްތެރިންގެ
ބޭނުންތެރިކަން ވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ޞިއްޙީ
ނިޒާމުގެ ގާބިލުކަން އިތުރުކޮށް، ކުރިމަތިވެދާނެ ޞިއްޙީ ނުރައްކާތަކަށް
ތައްޔާރުވުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް
ވެލްފެއާގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ތަމްރީނުތައް
މެދުވެރިކޮށް ރާއްޖޭގެ ޞިއްޙީ ހިދުމަތުގެ ފެންވަރު މަތިކޮށް، ބަލިމީހުންނަށް
ރައްކާތެރި އަދި އިތުބާރު ހުރި ހިދުމަތެއް ކަށަވަރުކޮށްދިނުމެވެ.