ގައިގަޔަށް ނާރާ ބަލިތައް މަދުކުރުމުގެ ޤައުމީ ކެމްޕެއިން "30އިން25އަށް އިފްތިތާޙްކޮށްފި

08 ނޮވެމްބަރު 2022
ގައިގަޔަށް ނާރާ ބަލިތައް މަދުކުރުމުގެ ޤައުމީ ކެމްޕެއިން "30އިން25އަށް އިފްތިތާޙްކޮށްފިއެވެ.
 ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމުގެ ޤައުމީ ކެމްޕެއިން "30އިން25އަށް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެވެ.
މީގެ އިތުރުން މި ޙަފްލާގައި މިނިސްޓަރ އޮފް ހެލްތު ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙުމަދު ނަސީމާއި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި އިސްވެރިން، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްފައިވާ މަންދޫބު ޑރ. ނާޒްނީން އަންވަރު، އަދި އެކި އިދާރާތަކާއި އެންޖީއޯތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ކެމްޕެއިންގައި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ކުރެވޭ ޖުމްލަ މަސައްކަތުގައި އަމާޒު ކުރެވިފައިވާ ޖުމްލަ ނަތީޖާއަކީ، 2030 އާއި ހަމައަށް ރާއްޖޭގައި އެން.ސީ.ޑީޒް ނިސްބަތުން 25 އިންސައްތަ މަދުކޮށް، ބައިނަލް އަޤްވާމީ ލަންޑުދަނޑި (ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި 3.4) ގައި ވާފަދައިން އެން.ސީ.ޑީޒް 3 ބައިކުޅަ 1 ބަޔަށް ދައްކުރުމެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ނަން ކޮމިއުނިކަބްލް ޑިޒީޒަސް ( އެން.ސީ.ޑީޒް) ނުވަތަ ގައިންގަޔަށް ނާރާބަލިތައް ކޮންޓްރޯލްކޮށް ޞިއްޙީ ދުޅަހޮޔޮކަން އިތުރުކުރުމަށް، މިހާރު ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ރޭވިފައިވާ މުހިއްމު ކަންކަން އިޢުލާނު ކުރުމާއި، 2020އިން 2021އަށް ކުރިއަށްގެންދިޔަ "ސްޓެޕްސް ސަރވޭ"ގެ ނަތީޖާ އިޢުލާންކުރުމާއި، އަދި "ނެޝަނަލް މަލްޓި ސެކްޓޯރަލް އެކްޝަން ޕްލޭން" ވެސް ވަނީ އިފްތިތާޙުކޮށްފައެވެ.
ގައިންގަޔަށް ނާރާ ބަލިތަކަކީ، އެކެއްގެ ފަރާތުން އަނެކަކަށް ވާޞިލުނުވާ އަދި ދިރިއުޅުމުގެ މާޙާއުލާ އާދަތަކާ ގުޅިފައިވާ ބަލިތަކެވެ. މިފަދަ ބަލިތަކަކީ، ދުރާލާ ވިސްނައިގެން އުޅެފިނަމަ އެއިން ރައްކާތެރިވެވިދާނެ ބަލިތަކެވެ. އަދި ބަލިތަކަށް ހުށަހެޅޭ ހިރާސްތަކަކީވެސް، ސަރުކާރުގެ ސިޔާސަތާއި، އަމިއްލަ އަދި ޖަމާޢަތުގެ ފެނަވަރުގައި ކުރެވޭ މަސައްކަތުން ބަދަލު ކުރެވިދާނެ ކަންކަމެވެ.
 ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 84 އިންސައްތަ ޙިއްޞާ ކުރާ ބަލިތަކަކީ ޞިއްޙަތަށް ނުރަނގަޅު އާދަތަކާ ގުޅިފައިވާ ބަލިތަކެވެ. މީގެތެރޭގައި ހިމެނޭ މައިގަނޑު ބަލިތަކަކީ، ކެންސަރ، ހިތުގެބަލި، ސްޓްރޯކް،ފުއްޕާމޭގެ ދާއިމީ ބަލިތައް، ހަކުރުބަލި، ކިޑްނީ ބަލި، ނަފްސާނީ ބަލިތަކެވެ. މިފަދަ ބަލިތަކަށް ހުށަހެޅޭ އެންމެ މުހިއްމު ހިރާސްތައް(ރިސްކްފެކްޓާރސް) ތަކަކީ ކެއިންބުއިމުގެ ނުރަނގަޅު އާދަތަކާއި، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ކަސްރަތު ނުކުރުމާވައިގެ ނުސާފުކަމާއި އަދި މިނޫންވެސް ޞިއްޙަތާ ބީރައްޓެހި އެހެން އާދަތަކެވެ.
ސްޓްޕްސް ސާރވޭ2020-2021 ކުރެވުނީ 15 އަހަރާ 69 އަހަރާ ދެމެދުގެ އުމުރު ފުރައިގެ މީހުންގެ މެދުގައެވެ. ޞިއްޙީ ދާއިރާގެ އެދުމަކަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ އެހީތެރިކަމާ އެކު ސަރވޭ ގެ މަސައްކަތް ކުރެއްވީ މޯލްޑިވްސް ނެޝަނަލް ޔުނިވަރިސިޓީގެ ފަރާތުން  އަދި ހެލްތު ވޯރކަރުންގެ ބައިވެރިވުމާއެކު.  ސަރވޭ ގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގައި:
 - ރާއްޖޭގެ އާބާދީގެ  25.7 އިންސައްތަ (ކޮންމެ 4 މީހަކުން 1 ) ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އޭގެ ތެރެއިން 7.6 އިންސައްތަ މީހުންނަކީ އަންހެނުން އަދި 35.6 އިންސައްތަ މީހުންނަކީ ފިރިހެނުންނެވެ. ސާރވޭ އިން ލިބުނު މަޢުލުމާތަށް ބަލާއިރު، ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާ އެންމެ ހަގު އުމުރުން  8 އަހަރެވެ.
-  ރާއްޖޭގެ އާބާދީގެ %80 މީހުން ( ކޮންމެ 5 މީހުންގެ ތެރެއިން 4 މީހުން )ދުފައެވެ. މީގެ ތެރެއިން ކޮންމެ 2 މީހަކުން އެކަކު  (%56.2 )  މީހުންނަކީ ކޮންމެ ދުވަހަކު ދުފާ މީހުންނެވެ.
-  ރާއްޖޭގެ އާބާދީގެ %5 މީހުން (ގާތްގަނޑަކަށް 5900 މީހުން) ބަނގުރާ ބޭނުންކުރެއެވެ. މީގެ ތެރެއިން    ކޮންމެ 4 މީހަކުން  އެކަކު  އެއީ ކޮންމެ ދުވަހަކު  ބަނގުރާ ބޭނުންކުރާ މީހުންނެވެ.
- ރާއްޖޭގެ އާބާދީގެ %26.5 މީހުން (ގާތްގަނޑަކަށް 47500 މީހުން) މަސްތުވާތަކެތި ބޭނުންކުރެއެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން %1.9 މީހުން ކޮންމެ ދުވަހަކު މިތަކެތި ބޭނުންކުރެއެވެ.
- ރާއްޖޭގެ އާބާދީގެ ކޮންމެ 5 މީހަކުން 2 މީހުން، ލޮނު ހިމެނޭ ސޯސް، ކެއުމުގައި ބޭނުން ކުރެއެވެ. އަދި ކޮންމެ 5 މީހަކުން އެކަކު (%20 މީހުން)، ކެއުމުގައި އިތުރަށް ލޮނު އަޅައެވެ
- ރާއްޖޭގެ އާބާދީގެ %54 މީހުން، ލޮނު ގިނައިން ހުންނަ ޕްރޮސެސްޑް ކާނާ ކައެވެ.
- ދުވާލަކު 3-2 ސާރވިން މޭވާ ކާން ޖެހޭއިރު ރާއްޖޭގެ އާބާދީގެ ކޮންމެ 10 މީހަކުން 6 މީހަކު ކަނީ މޭވާގެ އެންމެ ސާރވިންއެކެވެ.
- ދުވާލަކު ކެއުމުގައި 5-2 ސާރވިން ތަރުކާރީ ކާން ޖެހޭއިރު %85.2 މީހުން ކަނީ އެންމެ ސާރވިންއެއްއެވެ.
-  ރާއްޖޭގެ އާބާދީގެ %65 މީހުން ކަސްރަތު ލިބޭ (މެދުމިނުގެ ކަސްރަތު ) ކޮންމެވެސް ޙަރަކާތެއްގައި ބައިވެރިވެއެވެ.
- އާބާދީގެ 2 ބައިކުޅަ 1 ބައި މީހުންނަކީ (%52.1) ޞިއްޙީގޮތުން ބަލާއިރު، އިސްކޮޅާ އެކަށީގެން ނުވާ ވަރަށް ބަރު ނުވަތަ ފަލަ މީހުންނެވެ. މީގެ ތެރެއިން  %46.3 މީހުންނަކީ ފިރިހެނުންނެވެ. %58.8 އަކީ އަންހެނުންނެވެ. ފިރިހެނުންގެ %10 އަދި އަނހެނުންގެ %20 މީހުންނަކީ ޞިއްޙީ މިންގަނޑުން ބަލާއިރު އާދަޔާ ޚިލާފަށް ބަރު ނުވަތަ ފަލަ މީހުންނެވެ.
- ކޮންމެ 20 މީހަކުން އެކަކު  (ގާތްގަނޑަކަށް 25000 މީހުން) އަމިއްލަށް ނަފްސަށް  ގެއްލުން ދިނުމަށް ވިސްނާފައިވެއެވެ.
- ގާތްގަނޑަކަށް ކޮންމެ 5 މީހަކުން 1 އަށް  އެއްގަމު ދަތުރުފަތުރު ކުރުމުގެ ތެރެއިން އަނިޔާއެއް ލިބިފައިވެއެވެ. މީގެ ތެރެއިން %6 އަނިޔާ ލިބެނީ 2 ފުރޮޅުލީ އުޅަނދު ދުއްވާ މީހުންނަށް
-  ގާތްގަނޑަކަށް ކޮންމެ 5 މީހަކުން 1 އަށް  ޑިޕްރެޝަން އިހުސާސް ކުރެވޭ
މީގެ އިތުރުންވެސް މި ސާރވޭއިން ތަފާތު ގިނަ އެހެން މަޢުލޫމާތުތައް ލިބިފައިވެއެވެ.
"ނެޝަނަލް މަލްޓި ސެކްޓޯރަލް އެކްޝަން ޕްލޭން' އަކީ 2023 އިން 2030 އަށް ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ކޮންޓްރޯލް ކޮށް ސަރަޙައްދީ އަދި ބައިނަލް އަޤްވާމީ ޕްލޭންތަކަށް ރިޢާޔަތްކޮށް ކަނޑައަޅާފައިވާ ލަނޑުދަޑިތަށް ޙާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ އެ މަސައްކަތްތައް ކުރިއަށް ގެންދާނޭ ގޮތުގެ މަގު ޗާޓު، ހިމެނޭ ޕްލޭން އެކެވެ. މި އެކްޝަން ޕްލޭންގައި ހިމެނިފައިވާ މައިގަނޑު ކަންތައްތަކަކީ:
o   ނިޞްބަތުން ޚަރަދު ކުޑަ އެކަމަކު ރަނގަޅު ނަތީޖާ ނެރެވޭނެ ފަދަ ޙަރަކާތަތައް ނުވަތަ (ބެސްޓް ބައިސް) އަށް އިސްކަންދިނުން
o   ދުރާލާ ބަލިތައް ދެނެގަތުމާ ބަލިތަކުން ރައްކާތެރިވުމާ ފަރުވާދިނުން ޞިއްޙީ ޚިދުމަތުގެ އެކި ފަންތީގެ މަރުކަޒުތަކުގައި ޤާއިމުކުރާނެގޮތްތައް
o   ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމާ އަދި ބަލިތަކަށް ފަރުވާ ދިނުން ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށްޓަކައި، އިބްތިދާޢީ ޞިއްޙީ ޚިދުމަތުގެ ނިޒާމު ގެ ތެރެއިން މިފަދަ ޚިދުމަތްތައް ދޭނޭގޮތް
o  ޞިއްޙީ މަޢުލޫމާތު ދިނުމުގައި، ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިވުމަށާއި، ނުރަނގަޅު އާދަތައް ބަދަލުކުރުމަށް އިރުޝާދުދީ އެހީތެރިވުން، އަދި ޞިއްޙަތަށް ސަމާލުކަންދޭ މުޖްތަމަޢުއެއް ބިނާ ކުރުމުގައި، ތަޢުލީމާ އުނގަންނައިދިނުމުގެ މަރުކަޒުތަކުން އިސްދައުރެއް އަދާކުރުން
o  ޕްލޭންގައި ހިމެނޭ ޙަރަކާތްތައް، ކަމާގުޅޭ މުއައްސަސާތަކުގެ ޢަމަލީ ބައިވެރިވުމާ އަދި ދައުލަތާ މަދަނީ ޖަމްޢިއްޔާތަކާ އަމިއްލަ ވިޔަފާރިތައްވެސް ޝާމިލުކޮށްގެން ކުރިއަށް ގެންދިއުމަށް ވިލަރެސް ކޮށް މޮނިޓަރ ކުރާނޭ ނިޒާމެއް ޤާއިމުކުރުން
މި ޕްލޭން ތަންފީޒު ކުރުމުގެ ކަންކަން ވިލަރެސްކޮށް، ތަންފީޒީ އިދާރާތަކަށް ލަފާދީ، ޕްލޭންގެ ލަނޑުދަނޑިތައް ޙާޞިލް ކުރެވޭ މިންވަރު ދެނެގަނެ ފާރަވެރިވެ މޮނިޓަރ ކުރުމަށް ، ސްޓިއަރިން ކޮމިޓީއެއްވަނީ އެކުލާވާލާފައެވެ. މިނިސްޓަރ އޮފް ހެލްތު ރިޔާސަތު ބަލަހައްޓާ މި ކޮމިޓީގައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތައް ތަމްޘީލް ކުރެއެވެ.