ގާތުން ކިރުދިނުމާ ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ސިއްޙީ ޚިދުމަތްތެރިނަށް ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ.
ތިން ދުވަހުގެ މުއްދަތަށް (20-22 އޮގަސްޓް) ކުރިއަށްގެންދިޔަ މި ޕްރޮގްރާމްއަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް އާއި ގުޅިގެން ޔުނިސެފްގެ އެހީގައި ބޭއްވި ޕްރޮގްރާމެކެވެ. މިޓްރެއިނިންގ ޕްރޮގްރާމްގައި ޖުމްލަ 35 ބައިވެރިން ބައިވެރިވިއެވެ.
އޭގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ރީޖަންގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރައްވާ ސިއްޙީ ހިދުމަތްތެރިން އަދި ޕްރައިމެރީ ހެލްތް ކެއަރގެ ދާއިރާ ކިޔަވަމުންދާ ދަރިވަރުންނެވެ. މި ޓްރެއިނިންގ ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވީ ޓްރެއިންޑް ބްރެސްޓްފީޑިން ކައުންސިލަރުންނެވެ.
މި ތަމްރީން ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކުޑަކުދިންނަށް ހަމަސްވަންދެން ހަމައެކަނި ގާތުން ކިރުދިނުމާއި އެކަމުގެ ހުނަރުތަކާއި ގޮތްތަކާއި، މީގެ އިތުރުން ގާތުން ކިރުދިނުމުގައި މައިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މުހިއްމު މައުލޫމާތު މައިންނަށް ފޯރުކޮށްދިނުމަށް ސިއްޚީ ހިދުމަތް ތެރިން ބާރުވެރިކުރުވުމެވެ.މީގެ އިތުރުން މި ޕްރޮގްރާމްގައި ކްލިނިކަލް ޕްރެކްޓިސްވެސް ބައިވެރިނަންނަށް ވަނީ ދެވިފައިއެވެ.
ގާތުން ކިރުދިނުމުގެ ހަފްތާއަކީ ދުނިޔޭގެ ފެންވަރުގައި ކޮންމެ އަހަރަކުވެސް އޮގަސްޓް މަހުގެ 1 – 7 އަށް ފާހަގަކުރާ ހަފްތާއެކެވެ. މިގޮތުން އާންމުގޮތެއްގައި އޮގަސްޓް މަހުގައި އެކިއެކި ހަރަކާތްތައް ކުރިއަށްދެއެވެ.
ރާއްޖޭގައި 2009 ވަނައަހަރު ކުރެވިފައިވާ (ޑިމޮގްރަފިކް ހެލްތު ސާރވޭގެ) ތަފާސްހިސާބަށް ބަލާލާއިރު ؛ ރާއްޖޭގައި 98 އިން ސައްތަ ކުދިންނަކީ މައިމީހާގެ ގާތުން ކިރުދެވޭ ކުދިންނެވެ . ނަމަވެސް ހަމައެކަނި ހަމަސްވަންދެން މައިމީހާގެ ގާތުން ކިރުދޭ ކުދިންގެ ނިސްބަތަކީ އެންމެ 48 އިންސައްތައެވެ . އަދި ވިހާތާ އެއްގަޑި އިރުތެރޭގައި ގާތުން ކިރުދޭ ނިސްބަތަކީ 64 އިން ސައްތަކުދިންނެވެ.
މި ތަމްރީނު ޕްރޮގްރާމްގެ ނިއްމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާރވިސަސް، ޑރ.އަހުމަދު އަޝްރަފު ދެއްކެވި ވާހަކަފުޅުގައި، ތަފާސް ހިސާބު ތަކަށް ބަލާލާއިރު ކޮންމެވެސް ސަބަބު ތަކަކާ ހެދި މައިން ގާތުން ކިރުދިނުން ހުއްޓާލާކަން އަދި ގާތުން ކިރު ދިނުމުގައި މައިން ނަށް ތަފާތު ގޮން ޖެހުން ތަށް އެބަހުރި ކަން އަޅުގަނޑުމެން ނަށް އެބަ އިނގޭކަން ފާހަގަ ކުރެއްވިއެވެ. މިކަމުގައި މައިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ސިއްހީ އެހީތެރިން ގެ ދައުރު މުހިންމު ކަމުގައި ވިދާޅުވިއެވެ. އަދި މި ތަމްރީނު ޕްރޮގްރާމުން ލިބިވަޑައިގެންނެވި މަޢްލޫމާތުގެ ބޭނުން ހިއްޕަވައިގެން، އޭގެ ފައިދާ އެންމެހާ މައިންނާއި ތުއްތު ކުދިނަށް ކުރާނެ ގޮތަކަށް އެބޭފުޅުން ޢަމަލު ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.