ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގެ ޞިއްޙީ ރައްކައުތެރިކަމުގެ ޤަވާއިދު އާއްމުކޮށްފި

28 ޖެނުއަރީ 2025
ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ޞިއްޙީ ރައްކައުތެރިކަމުގެ މިންގަނޑުތަކާބެހޭ ގަވާއިދު އާއްމުކޮށްފިއެވެ.
މި ގަވާއިދަކީ، ފައިބަރު މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ޞިއްޙީ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރުމަށް ޓަކައި، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ޅ) އަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ރ) ގެ ދަށުން ބާރުލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
 މި ގަވާއިދުގެ މަޤްސަދަކީ، ފައިބަރުގެ މަސައްކަތްކުރާ ތަންތަނަކީ ޞިއްޙީ ރައްކައުތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް ހުންނަ ތަންތަންކަމުގައި ކަށަވަރު ކުރުމާއި،ފައިބަރުގެ މަސައްކަތުގައި ބޭނުންކުރާ ނުރައްކައުތެރި މާއްދާތަކުން އާންމު ރައްޔިތުންނާއި ތިމާވެށްޓާއި އެ ތަންތަނުގައިވާ ދިރުންތަކަށް ސަލާމަތާއި ރައްކައުތެރިކަން ލިބިގެންވާކަން ކަށަވަރުކުރުމާއި،ފައިބަރުގެ މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށް،މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އުސޫލުތަކާ ޚިލާފުވާ ފަރާތްތައް ޒިންމާދާރުކުރުވައި ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅުއެޅުމުގެ އިތުރުން ފައިބަރުގެ މަސައްކަތުން އުފެދޭ ކުނި ރައްކައުތެރިގޮތުގައި ނައްތައިލެވޭކަން ކަށަވަރުކުރުމެވެ.
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާތާ 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.