އޭ.ޕީ.އާރު.އެފް.އެޗް.އީ ގެ 5 ވަނަ މިނިސްޓަރުންގެ ބައްދަލުވުމަށް މިނިސްޓަރ އިންޑޮނޭޝިއާ އަށް

23 ސެޕްޓެމްބަރު 2024
އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް އެންވަޔަރަންމަންޓް (އޭ.ޕީ.އާރު.އެފް.އެޗް.އީ) ގެ 5 ވަނަ މިނިސްޓަރުންގެ ބައްދަލުވުމާއި  12 ވަނަ ހައި ލެވެލް އޮފިޝަލްސް މީޓިން (އެޗް.އެލް.އޯއެ.މް) ގައި ބައިވެރިވަޑައިގަތުމަށް މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބުދުﷲ ޚަލީލް ފުރާވަޑައިގެންފިއެވެ.  
ސެޕްޓެމްބަރ 24-26  އަށް އިންޑޮނޭޝިއާގެ ޖަކާޓާ އަށް ކުރައްވާ މި ދަތުރުފުޅުގައި އެ ޤައުމުގެ ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނާއި ބައްދަލުކުރައްވާ އެކި އެކި ޞިއްޚީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ޚާއްޞަކޮށް ޕްރައިމަރީ ހެލްތްކެއާ، އުމުރުން ދުވަސްވީ މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން، ހެލްތު އިންފޮމޭޝަން ސިސްޓަމްތަކާއި، ސިއްހީ ހިދުމަތްތަކުގައި ޑިޖިޓަލް ޓޫލްސް ބޭނުންކުރުން ފަދަ ދާއިރާތަކާއި ގުޅޭ ކަންކަން ބައްލަވާ މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެގައުމުގައި މިފަދަ ކަންކަން ކުރަމުން އަންނަގޮތް ބަލާ އެ ޤައުމުގެ ތަޖުރިބާގެ މައްޗަށް، ރާއްޖޭގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ކަންކަން ހަރުދާނާކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް އެންވަޔަރަންމަންޓް ފޯރަމްގެ އަމާޒަކީ މެމްބަރު ގައުމުތަކުން ނޭޝަނަލް އެންވަޔަރަންމަންޓަލް ހެލްތު އެކްޝަން ޕްލޭންތައް ތަންފީޒު ކުރުމަށް ހިތްވަރު ދިނުމެވެ. ރާއްޖެއިން މި ފޯރަމްގައި ބައިވެރިވުމުން ފަންނީ ތަޖުރިބާއާއި އެކި އެކި ވަސީލަތްތައް ހޯދުމުގެ ފުރުސަތު ލިބިގެންދާ އެވެ. އަދި  ދެމެހެއްޓެނިވި އަދި ޚަރަދު ކުޑަ ސިއްހީ ފަރުވާއާއި ތިމާވެށީގެ ސިޔާސަތުތައް އެކުލަވާލުމުގައި މެމްބަރު ޤައުމުތަކުން އެހީތެރިވެދޭނެ އެވެ.
މިނިސްޓަރ ގެ މި ދަތުރުފުޅުގެ އެކި ބައްދަލުވުންތަކުގެ ސަބަބުން ރާއްޖެއާއި އިންޑޮނޭޝިއާ އާއި ދެމެދު އޮންނަ ގުޅުން ވަރުގަދަވެ، ރާއްޖޭގެ ސިއްހީ ނިޒާމުގެ ކަންކަން ހަރުދަނާކުރުމަށް އެއްބާރުލުން ލިބިގެންދާނެއެވެ.