އެއަރ އެމްބިއުލާންސްގެ ޚިދުމަތް 01 މަރޗްގައި ފަށަނީ

29 ފެބްރުއަރީ 2024
ޞިއްޙީ އިމަޖެންސީ ޙާލަތްތަކުގައި ބަލިމީހުން އުފުލުމަށްޓަކައި އެކަމަށް ޚާއްސަކުރެވިފައިވާ މަތިންދާ ބޯޓަކުން މާދަމާ އިން ފެށިގެން ޚިދުމަތް ދިނުމަށް ނިންމައިފިއެވެ.   
އެއަރއެމްބިއުލާންސް ޚިދުމަތަށް ޚާއްސަކޮށް މާދަމާ އިން ފެށިގެން ޚިދުމަތް ދިނުމަށް ފަށާ ބޯޓުގައި މެޑިކަލް އިމަރޖެންސީގެ ޙާލަތްތަކުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެންހުރި އެންމެ ކައިރި ޓާރޝަރީ ހޮސްޕިޓަލަކަށް ބަލިމީހުން އުފުލުމުގައި އަވަސް ޞިއްޙީ ފަރުވާ ދެވޭގޮތަށް ވަސީލަތްތަކާއިއެކު ތަމްރީން ކޮށްފައިވާ 15 ޞިއްޚީ ޚިދުމަތްތެރިއަކު ހަރަކާތްތެރިވާނެއެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އަދި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހަރަކާތްތެރިވާނެއެވެ.
ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތެވެ. އެގޮތުން އެއަރ އެންބިއުލަންސް ޚިދުމަތް ސަރުކާރުގެ ވައުދުތަކުގެ ދަށުން މާދަމާއިން ފެށިގެން ޚިދުމަތް ދިނުމަށް ފަށާއިރު، މި މަސައްކަތުގެ މައިގަނޑު އަމާޒަކީ، ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ގާއިމުކުރުމެވެ.
އެއަރއެމްބިއުލާނސްގެ ޚިދުމަތަށް ޚާއްސަކުރެވިފައިވާ DHC-8-200 މިބޯޓާއެކު ޚިދުމަތް ފެށުމުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 24 ގަޑިއިރު މިޚިދުމަތް ފޯރުކޮށްދެވިގެންދާނެއެވެ. އަދި މިހާރު މާލެ ޞަރަހައްދުގައި ޤާއިމްކުރެވިފައިވާ މޯލްޑިވްސް އިމަރޖެންސީ މެޑިކަލް ސަރވިސަސްގެ ނިޒާމްގެ ތެރެއަށް އެއަރ އެމްބިއުލަންސްގެ ޚިދުމަތް ހިމެނި، ޕްރީ ހޮސްޕިޓަލް ކެއަރ ކޯޑިނޭޓްކުރުމުގެ އިންތިޒާމް ރާވާ، ދެމެހެއްޓެނިވި ގޮތެއްގައި އަވަސް ފަރުވާގެ ނިޘާމް ފުރިހަމަ ނިޒާމެއްގެ ގޮތުގައި ޤާއިމްކުރެވި ކުރިއަށް ގެންދެވޭނެއެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދޭނީ މިނިސްޓްރީ އޮފް ހެލްތާއި އައިލެންޑް އޭވިއޭޝަން އަދި އެންސްޕާއާ ގުޅިގެންނެވެ.