ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 154 ވަނަ ބައްދަލުވުން މިއަދު ނިމިއްޖެ

28 ޖެނުއަރީ 2024
22 ޖެނުއަރީ އިން 27 ޖެނއަރީއަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ހެޑްކުއާރޓަރ، ޖެނީވާގައި ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 154 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުން މިއަދު ނިންމާލައިފިއެވެ.
މި ބައްދަލުވުމުގައި އެކްޒެކަޓިވް ބޯޑުގެ މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ބައިވެރިވެ ބައްދަލުވުމުގެ އެޖެންޑާގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ މައްޗަށް މަޝްވަރާތަކުގައި ބައިވެރިވެ ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ.
ދުނިޔޭގެ އެކި ހިސާބުތަކަށް ކުރިމަތިވަމުންދާ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އެކަށީގެންވާގޮތުގައި އިޖާބަދިނުމަށް ކަނޑައެޅިފައިވާ ޕްރޮގްރާމްތަކާއި މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ގެނައުމަށާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޞިއްޙީ ދާއިރާއަށް އަމާޒުކުރެވިފައިވާ ކަންތައްތައް ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ކުރިއަށްގޮސްފައިވާ މިންވަރާއި ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންތައްތަކުގެ މައްޗަށް މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ޔުނިވަރސަލް ހެލްތު ކަވަރޭޖް، މޫސުމަށް އަންނަ ބަދަލުގެ ސަބަބުބް ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާއި ބަލިތަކުން ރައްކާތެރިވުމާއި ބަލިތައް ކޮންޓްރޯލުކޮށް ނައްތާލުމަށް ކަނޑައަޅާފައިވާ ޕްލޭންތަކާއި ޓާގެޓްތަކުގެ މައްޗަށް މަޝްވަރާކޮށް ހުށަހެޅުންތައް ހުށަހެޅުނެވެ.
ދިވެހި ރާއްޖެއިން އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި ޞިއްޙީ ނިޒާމު ތައްޔާރުވުމާއި ރާއްޖެއިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރައިމަރީ ހެލްތުކެއަރގެ އުޞޫލުތައް ހަރުދަނާކުރުމާއި ނައްތާލުމަށް ކަނޑައަޅާފައިވާ ޓީބީ އަދި އެހެން ބަލިތައް ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި މެމްބަރ ޤައުމުތަކުގެ އެއްބާރުލުމަށް އެދި ހުށަހެޅުނެވެ.
މި ބައްދަލުވުމުގައި، 2023 ގައި ބޭއްވުނު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 76 ވަނަ ވަރލްޑު ހެލްތު އެސެމްބްލީގައި ނިންމި ނިންމުންތަކާއި، ޕްރޮގްރާމް، ބަޖެޓް އެންޑް އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުތަކާގުޅޭ މަޝްވަރާތަކާއި މި އަހަރުގެ 77 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ އެޖެންޑާގެ މައްޗަށްވެސް މަޝްވަރާކުރެވުނެވެ.
މިފަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ބައެއް ދޭދޭ ޤައުމުތަކާއެކު ބައްދަލުވެ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވުނެވެ.