ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 154 ވަނަ ބައްދަލުވުން ފެށިއްޖެ

22 ޖެނުއަރީ 2024
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 154 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރުމަށް އެގްޒެކެޓިވް ބޯޑުގެ މެމްބަރެއްގެ ގޮތުން މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.
މިބައްދަލުވުމަކީ، ދުނިޔޭގެ 34 ޤައުމަކުން، ޞިއްޙީ ދާއިރާގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ބައިނަލް އަޤްވާމީ މުހިއްމު ނިންމުންތަކެއް ނިންމާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެންމެ މަތީ ފަންތީގެ ބައްދަލުވުމެކެވެ.
22 ޖެނުއަރީ އިން 27 ޖެނުއަރީ އަށް ކުރިއަށްދާ މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރ ޤައުމުތަކާއި އެހެން މެމްބަރ ޤައުމުތައްވެސް ހިމެނޭގޮތަށް ސްވިޒަރލޭންޑުގެ ޖެނީވާގައެވެ. 2022 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 3 އަހަރުގެ މުއްދަތަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކްޓިވް ބޯޑުގައި، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ބައިވެރިވަމުން ގެންދާނެއެވެ.
މި ބައްދަލުވުމުގައި، 2023 ގައި ބޭއްވުނު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 76 ވަނަ ވަރލްޑު ހެލްތު އެސެމްބްލީގައި ނިންމި ނިންމުންތަކާއި، ޕްރޮގްރާމް، ބަޖެޓް އެންޑް އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުތަކާގުޅޭ މަޝްވަރާތަކާއި މި އަހަރުގެ 77 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ އެޖެންޑާތަކަށް އެގްޒެކަޓިވް މެމްބަރ ޤައުމުތަކުން މަޝްވަރާކޮށް ނިންމުންތައް ނިންމާނެއެވެ. މީގެ ތެރޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ކާރިސާ ތަކުން ރައްކާތެރިވުމަށްޓަކައި ޤައުމުތަކުން ތައްޔާރުވެ އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމާއި ދެމެހެއްޓެނި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ޔުނިވަރސަލް ހެލްތު ކަވަރޭޖް، ޓީ.ބީ ފަދަ ބަލިތައް ނައްތާލުމަށް ކަނޑައަޅާފައިވާ ކަންކަން ޙާޞިލުކުރުމާއި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކަނޑައަޅާފައިވާ މުހިންމުކަންކަން ކުރިއަށް ގެންދިއުމުގެ މުހިއްމު ނިންމުންތަކަށް މަޝްވަރާކޮށް ނިންމުންތައް ނިންމޭނެއެވެ.  ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ޤައުމުތަކަށް ފޯރުކޮށްދޭ އެހީތައް އެންމެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށް އެކަމާގުޅޭ ކަންތައްތައް ހުށަހެޅޭނެއެވެ. އަދި މިފަހަރުގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގައި އީސްޓަރން މެޑިޓެރޭނިއަން، ވެސްޓަރން ޕެސިފިކް އަދި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރ، ކުރިއަށް އޮތް ފަސް އަހަރަށް އައްޔަނުކުރެވިގެންދާނެއެވެ.
މިފަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ރޭވިފައެވެ. މިބައްދަލުވުންތަކުގައި ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެއެވެ. 
މީގެ އިތުރުން، މި މަހުގެ 16 އިން 19 އަށް ސްވިޒަރލޭންޑުގެ ޖެނީވާގައި ކުރިއަށް ދިޔަ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގެޒެކެޓިވް ބޯޑުގެ 39 ވަނަ ޕްރޮގްރާމް، ބަޖެޓު އަދި އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގައި މި މިނިސްޓްރީގެ ވަފުދެއް ވަނީ ދިވެހިރާއްޖެ ތަމްޞީލުކޮށްފައެވެ. 13 ޤައުމަކުން ޞިއްޙީ ދާއިރާގެ ބޭފުޅުން ބައިވެރިވެ ވަޑައިގަތް މި ބައްދަލުވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ޤައުމުތަކަށް ފޯރުކޮށްދޭ އެހީތައް އެންމެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި، އިންސާނީ ވަސީލަތް ތަރައްޤީކުރުމާ ގުޅޭގޮތުން ޤައުމުތަކުގެ މެދުގައި މަޝްވަރާކޮށް މުހިންމު ނިންމުންތަކެއް ނިންމިގެން ދިޔައެވެ.