ދުނިޔޭގެ
ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމެޓީގެ 76
ވަނަ ބައްދަލުވުން އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި
މިއަދު ފެށިއްޖެއެވެ. މިމަހުގެ 30ން ނޮވެމްބަރު މަހުގެ 2ށް
ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން އެންމެ އިސްކޮށް
ހުންނަވަނީ މިނިސްޓަރ އޮފް ހެލްތު ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެވެރިޔާ
އަލްފާޟިލް އަޙުމަދު ނަސީމެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ރީޖަނަލް
ކޮމެޓީގެ ބައްދަލުވުމަކީ މިސަރަޙައްދުގެ 11 ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި
ޞިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ހިމެނޭގޮތަށް، މި ސަރަޙައްދުގެ
ރައްޔިތުންގެ ސިއްޙަތާގުޅޭ މުހިންމު ކަންކަން ކަނޑައަޅައި، މި ސަރަޙައްދުގެ ޞިއްޙަތާގުޅޭ
ކަންކަން ކުރިއެރުމަށް މަޝްވަރާކޮށް، ނިންމުންތައް ނިންމާ
އެންމެ މުހިންމު 'ގަވަރނަންސް' ބައްދަލުވުމެވެ. މި އަހަރުގެ
ބައްދަލުވުމުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ކުރިއަށް އޮތް 5
އަހަރަށް މި ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރގެ މަޤާމަށް ބޭފުޅަކު
އިންތިހާބުކުރުން ހިމެނެއެވެ.
މިއަހަރުގެ ރީޖަނަލް
ކޮމެޓީގައި، މި ސަރަޙައްދުގެ ޤައުމުތަކުގައި ޔުނިވަރސަލް
ހެލްތު ކަވަރެޖް ހާޞިލުކުރުމުގެ މައި އަސާސް ކަމުގައިވާ އާއްމު ޞިއްޙަތު
ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމަށް ސަރަޙައްދުގެ ޞިއްޙީ
ދާއިރާގެ އިސްވެރިންގެ ޚާއްސަ "ރައުންޑް ޓޭބަލް" ބައްދަލުވުމެއް 31
އޮކްޓޯބަރ 2023 ގައި ކުރިއަށްދާނެއެވެ. އަދި މިކަމަށް ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމަށްޓަކައި
"ދެއްލީ ޑިކްލަރޭޝަން އޮން ސްޓްރެންތަނިންގ ޕްރައިމަރީ ހެލްތު ކެއަރ އޭޒް އަ
ކީ އެލިމެންޓް ޓުވާޑްސް އެޗީވިން ޔުނިވަރސަލް ހެލްތު ކަވަރެޖް" ގެ ނަމުގައި ގަރާރެއް
ފާސްކުރެވޭނެއެވެ.
މިއާއެކު މިސަރަޙައްދަށް
ޙާއްސަ ޞިއްޙީ މައްސަލަތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި ޤައުމުތަކުން
މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޓީބީ ނައްތާލުމަށް ޤައުމުތަކުގެ
މެދުގައި ކުރެވެމުންދާ މަސައްކަތްތަކާއި، ޢާއްމު ޞިއްޙަތު ހަރުދަނާކުރުމަށާއި، ސްކޫލްތަކުގައި
ޞިއްޙަތު ކުރިއެރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި ގުޅޭގޮތުންނާއި، މި
ސަރަހައްދުގެ ހެލްތު އެމަރޖެންސީ ފަންޑު ފުޅާކުރުމަށް ޤައުމުތަކުގެ މެދުގައި
ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެއެވެ. މީގެ އިތުރުން 2024-2025
އަށް ކަނޑައަޅާ ޕްރޮގްރާމް ބަޖެޓާއި، ސަސްޓެއިނަބްލް ފިނޭންސިން އަދި 14 ވަނަ
"ޖެނެރަލް ޕްރޮގްރާމް އޮފް ވަރކް (ޖީ.ޕީ.ޑަބްލިޔު 14) އާ ގުޅޭ މަޝްވަރާތައް
ކުރެވިގެންދާނެއެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ކުރިޔަށް ރޭވިފައިވާ
ވޯލްޑް ހެލްތު އެސެމްބްލީއާއި ޕްރޮގްރާމް ބަޖެޓް އަދި އެޑްމިނިސްޓްރޭޓިވް ކޮމިޓީއާއި
އެގްޒެކެޓިވް ބޯޑް ބައްދަލުވުމާގުޅޭ ކަންކަމާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވި
މިސަރަހައްދުގެ ޤައުމުތަކުން މިބައްދަލުވުންތަކުގައި ހުށަހަޅާނެ ދާއިރާތައް
ކަނޑައަޅޭނެއެވެ.
މިއަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް
ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.
މިބައްދަލުވުންތަކުގައި ސިއްޙީދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި
އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ސިއްޙީދާއިރާ
ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެއެވެ.