ދުނިޔޭގެ
ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމެޓީގެ 75
ވަނަ ބައްދަލުވުން ބޫޓާންގެ ޕާރޯގައި މިއަދު ފެށިއްޖެއެވެ. މިމަހުގެ 5ން 9ށް ކުރިއަށްދާ މި ބައްދަލުވުމުގައި
ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވަނީ މިނިސްޓަރ އޮފް
ހެލްތު އަލްފާޟިލް އަޙުމަދު ނަސީމެވެ.
ދުނިޔޭގެ
ސިއްޙަތު ޖަމުޢިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މިސަރަޙައްދުގެ 11
ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި ޞިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް
ހިމެނޭގޮތަށް، މި ސަރަޙައްދުގެ ޤަޢުމުތަކުގެ ރައްޔިތުންގެ ސިއްޙަތާގުޅޭ މުހިންމު ކަންކަން
ކަނޑައަޅައި، މި ސަރަޙައްދުގެ ޞިއްޙަތާގުޅޭ ކަންކަން ކުރިއެރުވުމަށް މަޝްވަރާކޮށް،
ނިންމުންތައް ނިންމާ އެންމެ މުހިންމު 'ގަވަނަންސް' ބައްދަލުވުމެވެ.
މިއަހަރުގެ ރީޖަނަލް ކޮމެޓީގައި، މި
ސަރަޙައްދުގެ ޤައުމުތަކުގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ދެވޭ
ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން
މަޝްވަރާކުރުމަށް ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ އިސްވެރިންގެ ޚާއްސަ ރައުންޑް
ޓޭބަލް ބައްދަލުވުމެއް 6 ސެޕްޓެމްބަރ 2022 ގައި ކުރިއަށްދާނެއެވެ. އަދި މިމަސައްކަތް
ކުރިއަށް އޮތްތަނުގައި ހަރުދަނާ ކުރުމަށްޓަކައި "ޑިކްލަރޭޝަން ބައި ދަ ހެލްތު
މިނިސްޓަރސް އޮފް މެމްބަރ ސްޓޭޓްސް އެޓް ދަ ސެވެންޓީ ފިފްތް ސެޝަން އޮފް ދަ
ޑަބްލިޔު.އެޗް.އޯ ރީޖަނަލް ކޮމިޓީ ފޯ ސައުތް އީސްޓް އޭޝިއާ އޮން ޔުނިވަރސަލް އެކްސެސް
ޓު ޕީޕަލް ސެންޓަރޑް މެންޓަލް ހެލްތު ކެއަރ އެންޑް ސަރވިސަސް" ގެ ނަމުގައި ގަރާރެއް
ފާސްކުރެވޭނެއެވެ.
މިއާއެކު މިސަރަޙައްދުގެ ޤަޢުމުތަކަށް ކުރިމަތިވާ ޚާއްސަ
ޞިއްޙީ މައްސަލަތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި ޤައުމުތަކުން
މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޓީބީ ނައްތާލުމަށް ޤައުމުތަކުގެ
މެދުގައި ކުރެވެމުންދާ މަސައްކަތާއި، ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކާއި
ގުޅިގެން ސިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދުމަށް ސަރަހައްދީ
ފެންވަރުގައި ހެދިފައިވާ އެކްޝަން ޕްލޭނާމެދުވެސް
މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ
އިތުރުން ރަހިމުގެ ދޮރަށްޖެހޭ ކެންސަރު (ސާރވިކަލް ކެންސަރ) ދުނިޔެއިން ނައްތާލުމަށް
ޤައުމުތައް ގުޅިގެން ކުރެވެމުންދާ މަސައްކަތް ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންތައްތަކާއި،
ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ސިއްޙީ ދާއިރާއިން ކުރާ
މަސައްކަތްތަކާމެދުވެސް މަޝްވަރާކުރެވޭނެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ފަރާތުން
ކުރިޔަށް ރޭވިފައިވާ 76ވަނަ ވޯލްޑް ހެލްތު އެސެމްބްލީ އަދި 152ވަނަ އެގްޒެކެޓިވް
ބޯޑް ބައްދަލުވުމުގައި މިސަރަހައްދުގެ ޤައުމުތަކުން މަޝްވަރާކުރުމަށް އިސްކަންދޭނެ
ދާއިރާތައްވެސް ރީޖަނަލް ކޮމިޓީގެ މަޝްވަރާއާއެކު ކަނޑައަޅޭނެއެވެ.
މިއަހަރުގެ
ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް ދުނިޔޭގެ
ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑައިރެކްޓަރ
އާއި ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.
މިބައްދަލުވުންތަކުގައި ސިއްޙީދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި
އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް، އަދި ސިއްޙީދާއިރާ
ކުރިއެރުވުމަށް އިތުރު އެހެން ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ހޯދުމަށް
މަޝްވަރާކުރެވޭނެއެވެ.