ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު
އިރުމަތީ އޭޝިއާ ސަރަޙައްދުގެ 79 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން ޓިމޯ ލެސްޓޭގެ
ވެރިރަށް ޑިލީގައި މިއަދު
ފެށިއްޖެއެވެ.
މި މަހުގެ 07 އިން 10 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި
ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވަނީ މިނިސްޓަރ އޮފް ހެލްތު،
ފެމިލީ އެންޑް ވެލްފެއަރ، ޤީލާ ޢަލީއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ
މި
ސަރަޙައްދުގެ 10 ޤައުމުގެ ޞިއްޙަތާ
ބެހޭ ވަޒީރުންނާއި ޞިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ހިމެނޭގޮތަށް،
މި ސަރަޙައްދުގެ ރައްޔިތުންގެ ޞިއްޙަތާގުޅޭ މުހިންމު ކަންކަން ކަނޑައަޅައި، މި ސަރަޙައްދުގެ
ޞިއްޙަތާގުޅޭ ކަންކަން ކުރިއެރުމަށް މަޝްވަރާކޮށް، ނިންމުންތައް ނިންމާ އެންމެ މުހިންމު 'ގަވަރނަންސް'
ބައްދަލުވުމެވެ.
މި އަހަރުގެ
ރީޖަނަލް ކޮމިޓީގައި، ޞިއްޙީ ޚިދުމަތްތެރިންގެ ޤާބިލުކަން އިތުރުކުރުމާއި ޚާއްސަ
ފަރުވާތަކުގެ ޚިދުމަތްތައް ހަމަހަމަކަމާއެކު ދިނުމުގެ މަގު ތަނަވަސްކޮށްދިނުމާ ގުޅޭގޮތުން
މަޝްވަރާކުރުމަށް ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ އިސްވެރިންގެ ޚާއްސަ "ރައުންޑް
ޓޭބަލް" ބައްދަލުވުމެއް 08 ސެޕްޓެންބަރު 2026 ގައި ކުރިއަށްދާނެއެވެ. އަދި
މިކަމަށް ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމަށްޓަކައި "ޑިލީ ޑެކްލަރޭޝަން
އޮން ހިއުމަން ރިސޯސަސް ފޯ ހެލްތު: އިކުއިޓީ އިން ސްޕެޝަލައިޒްޑް ކެއަރ" ގެ
ނަމުގައި ގަރާރެއް ފާސްކުރެވޭނެއެވެ.
އަދި މި ސަރަޙައްދަށް ޙާއްސަ ޞިއްޙީ މައްސަލަތަކާއި ގުޅޭގޮތުން
މި ބައްދަލުވުމުގައި ޤައުމުތަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން
ޔުނިވަރސަލް ހެލްތު ކަވަރޭޖް، ޞިއްޙަތާ ގުޅުންހުރި ދެމެހެއްޓެނި ތަރައްޤީއާ ގުޅޭ
ލަނޑުދަނޑިތަކާއި، ޓީ.ބީ، މެޑިކަލް ޑިވައިސްއާއި، އިންވިޓްރޯ ޑައިގްނޮސްޓިކްސްއާ،
ޑިޖިޓަލް ހެލްތާއި އާޓިފިޝަލް އިންޓެލިޖެންސް އަދި ޕްރައިމަރީ ހެލްތުކެއަރ އާ ގުޅޭ
މަޝްވަރާތައް ކުރެވިގެންދާނެއެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ކުރިޔަށް
ރޭވިފައިވާ ވޯލްޑް ހެލްތު އެސެމްބްލީއާއި ޕްރޮގްރާމް ބަޖެޓް އަދި
އެޑްމިނިސްޓްރޭޓިވް ކޮމިޓީއާއި އެގްޒެކެޓިވް ބޯޑް ބައްދަލުވުމާގުޅޭ
ކަންކަމާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވި މިސަރަޙައްދުގެ ޤައުމުތަކުން
މި ބައްދަލުވުންތަކުގައި ހުށަހަޅާނެ ދާއިރާތައް ކަނޑައަޅާނެއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގެ ސްޕެޝަލް ސެޝަންގެ ތެރޭގައި
ދެކުނު އިރުމަތީ އެޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރެއް ކަނޑައެޅުމާ
ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ދެކުނު
އިރުމަތީ އެޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރގެ މަޤާމަށް ދިވެހިރާއްޖެއިން
ކެނޑިޑޭޓެއް ހުށަހެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ
ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް
ވަނީ ރޭވިފައެވެ. މި ބައްދަލުވުންތަކުގައި ޞިއްޙީދާއިރާގެ އިންސާނީ ވަސީލަތްތައް
ތަރައްޤީ ކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީ ދާއިރާ
ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެއެވެ.