ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ ޕްރޮގްރާމް، ބަޖެޓް
އަދި އެޑްމިނިސްޓްރޭޝަން ކޮމިޓީގެ 38ވަނަ ބައްދަލުވުން އަދި 76 ވަނަ ވަރލްޑް ހެލްތު އެސެމްބްލީއާއި އެގްޒެކެޓިވް ބޯޑުގެ
153 ވަނަ ބައްދަލުވުން ނިމިއްޖެ އެވެ
.
މެއި މަހުގެ 17 އިން 19 އަށް،
ސްވިޒަރލޭންޑުގެ ޖެނީވާގައި ކުރިއަށް ގެންދިޔަ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ
އެގްޒެކެޓިވް ބޯޑުގެ ޕްރޮގްރާމް، ބަޖެޓް އަދި އެޑްމިނިސްޓްރޭޝަން ކޮމިޓީގެ 38 ވަނަ
ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ބައިވެރިވެ މިފަހަރުވެސް ރިޔާސަތު
ބެލެހެއްޓީ ދިވެހިރާއްޖެ އިންނެވެ. ދިވެހިރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގެ
ރިޔާސަތު ބެލެހެއްޓީ މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ، އަލްފާޟިލާ ޢާއިޝަތު
ރިޝްމީއެވެ. މިއީ، މި ކޮމިޓީގެ މެމްބަރު ޤައުމެއްގެ ގޮތުގައި، 2022 ވަނަ އަހަރުގެ
މެއި މަހުން ފެށިގެން ކުރިއަށް އޮތް 2 އަހަރުގެ މުއްދަތަށް ދިވެހިރާއްޖެ
ހޮވުނުފަހުން ކުރިއަށް ގެންދިޔަ ދެވަނަ ބައްދަލުވުމެވެ. ޕްރޮގްރާމް، ބަޖެޓް އަދި
އެޑްމިނިސްޓްރޭޝަން ކޮމިޓީއަކީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިދާރީ އަދި މާލީ
ކަންކަމާގުޅޭ މުހިންމު ނިންމުންތަކެއް ނިންމާ ކޮމިޓީއެކެވެ. މި ބައްދަލުވުމުގައި
ކޮމިޓީގެ 14 މެމްބަރު ޤައުމަކުން ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި، 2024-2025
ގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ބަޖެޓާއި ބެހޭ މުހިއްމު ނިންމުންތަކެއް
ނިންމައި، ޞިއްޙީ ދާއިރާއަށް ކުރެވޭ ޚަރަދުތައް ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓޭނެ
ގޮތްތަކާއި މެދު ޤައުމުތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދެވުނެވެ.
އެގޮތުން، 2024-2025 އަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ކުރުމަށް ރާވާފައިވާ
ޕްރޮގްރާމްތަކުގެ ބަޖެޓް ފާސްކުރެވިގެންދިޔައެވެ. އަދި ދުނިޔޭގެ ޞިއްޙަތު
ޖަމުޢިއްޔާގެ މެންބަރު ޤައުމުތަކުން ނެގޭ ޗަންދާ 20 އިންސައްތައަށް އިތުރު
ކުރުމަށް ނިންމުނެވެ. މިއީ، އެ ޖަމުޢިއްޔާގެ ތާރީޚުގައިވެސް ނިންމުނު މިފަދަ
ފުރަތަމަ ނިންމުންކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ ޖަމުޢިއްޔާގެ މަސައްކަތްތައް
ހަރުދަނާކުރުމަށް ފާސްކުރެވުނު އިމްޕްލިމެންޓޭޝަން ޕްލޭން އަދި ރީފޯމްއަށް އިތުރުވެގެންދިޔަ
މުހިއްމު ބޮޅެކެވެ.
ސްވިޒަރލޭންޑުގެ ޖެނީވާގައި
ކުރިއަށް ދިޔަ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 76 ވަނަ ވާރލްޑް ހެލްތު އެސެމްބްލީގައި
ދިވެހިރާއްޖެ ތަމްސީލު ކުރެއްވީ މިނިސްޓަރ އޮފް ހެލްތު،
ނިޝާން
މުލީގޭ ޝަރަފުގެ ޢިއްޒަތުގެވެރިޔާ އަޙުމަދު ނަސީމާއި މިނިސްޓްރީގެ އިސް
ބޭފުޅުންނެވެ. މީގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ
ޕާރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. އާސިމް އަޙުމަދުގެ އިތުރުން މިޝަންގެ
އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ޖުމުލަ 194 ޤައުމަކުން 3500އެއްހާ
ބޭފުޅުން ބައިވެރިވި މި ބައްދަލުވުމުގައި މި އަހަރަށް ކަނޑައަޅާފައިވާ މަޢުޟޫއު "ޑަބްލިޔު.އެޗް.އޯ އެޓް 75:
ސޭވިންގ ލައިވްސް، ޑްރައިވިންގ ހެލްތު ފޯ އޯލް"އަށް މިނިސްޓަރ އޮފް ހެލްތު
އަލްފާޟިލް އަޙުމަދު ނަސީމް ތަޤުރީރުކުރެއްވިއެވެ.
މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް އެޖެންޑާކުރެވުނު 27
މަޢުޟޫޢުގެ ތެރެއިން 13 މަޢުޟޫޢަކަށް ދިވެހިރާއްޖޭގެ ފަރާތުން ވާހަކަ
ދައްކާފައިވެއެވެ. ޚާއްޞަގޮތެއްގައި ފަލަސްތީނުގަޔާއި ސީރިއާގެ ރައްޔިތުންގެ
ޞިއްޙީ ޙާލަތާއި ގުޅޭގޮތުން ހުށަހެޅުނު މަޢުޟޫއަށް މިނިސްޓަރ ޢަހުމަދު ނަސީމު
ވާހަކަފުޅު ދެއްކެވުން ފާހަގަކޮށްލެވެއެވެ.
ހަމައެއާއިއެކު، ދުނިޔޭގެ
ޞިއްޙަތު ޖަމުޢިއްޔާގެ 76 ވަނަ ވާރލްޑް ހެލްތު އެސެމްބްލީއަށް ހުށަހެޅުނު 2
ކަމަކަށް ދިވެހިރާއްޖެއިން ވޯޓްދީފައިވެއެވެ. އެއީ، ފަލަސްތީނާއި ސީރިއާގައި
ދިރިއުޅޭ ރައްޔިތުންގެ ޞިއްޙީ ހާލަތާއި ގުޅޭގތޮން ހުށަހެޅުނު މައްސަލައާއި،
ޔޫކްރެއިންގެ ޞިއްޙީ އެމަރޖެންސީ ޙާލަތާއި ގުޅޭގޮތުން ހުށަހެޅުނު
މައްސަލައެވެ.
މީގެ އިތުރުން ދޭދޭ
ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ޞިއްޙީ ދާއިރާ
ކުރިއެރުވުމަށް ޤައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ
ދާއިރާތަކާއިގުޅޭގޮތުން މަޝްވަރާކުރުމަށް ބައެއް ޤައުމުތަކާއިއުކު
ދިވެހިރާއްޖެއިން ބައްދަލުވުންތައް ބާއްވާފައިވެއެވެ. އެގޮތުން، ތައިލޭންޑް.
އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާއިން ބައިވެރިވެވަޑައިގެންނެވި
ވަފުދާއިއެކު ދިވެހިރާއްޖެއިން ވަނީ ބައްދަލުވުންތައް ބާއްވާފައެވެ.
ހަމަ އެއާއިއެކު، ވާރލްޑް
ހެލްތު އެސެމްބްލީގެ ހަވާސާގައި، ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ޞިއްޙީ ދާއިރާ
ކުރިއެރުވުމަށް އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއި ގުޅޭގޮތުން ދުނިޔޭގެ ޞިއްޙަތު
ޖަމުޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސްއާއި ދެކުނު އިރުމަތީ އޭޝިއާގެ
ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމްއާ
ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ޕްރައިމެރީ
ހެލްތު ކެއަރގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށާއި، ޞިއްހީ ދާއިރާގެ އިންސާނީ
ވަޞީލަތް އިތުރަށް ތަރައްޤީކުރުމަށާއި، ކެންސަރު ބައްޔަށް ދެވޭ ފަރުވާ
އިތުރުކުރެވެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެއެވެ. މީގެ އިތުރުން
ބައްލުވުމުގައި އަލިއަޅުވާލެވުނު މުހިއްމު ކަންކަމުގެ ތެރޭގައި ނަފްސާނީ
ބަލިތަކަށް ޚާއްޞަ ފަރުވާ ދިނުމާއި، ޑްރަގްގެ ވަބާއިން މުޖުތަމަޢު
ސަލާމަތްކުރުމަށް ކުރަންޖެހިފައިވާ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން
ވޯލްޑް ހެލްތު އެސެމްބްލީގެ ސައިޑް އިވެންޓްތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި
ގުޅޭގޮތުން ކުރިއަށް ގެންދެވުނު މަޝްވަރާ ބައްދަލުވުމުގައި، މޫސުމަށް އަންނަ
ބަދަލުތަކާއި ގުޅިގެން އެޅޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށާއި ޕްލާސްޓިކްގެ
ސަބަބުން ޞިއްޙަތަށްކުރާ ނޭދެވޭ އަސަރު ދަށްކުރުމަށް ޚާއްޞަކަމެއް ދިނުމުގެ
މައްޗަށް މިނިސްޓަރ ނަސީމް ވާހަކަފުޅު ދެއްކެވިއެވެ. ހަމައެއާއިއެކު، ޞިއްޙީ
ދާއިރާގެ ނިންމުތައް ނިންމުމުގައި ޑާޓާ ގަވަރނަންސްގެ މުހިއްމުކަމުގެ މައްޗަށް
މިނިސްޓަރ ވަނީ ކީނޯޓު ސްޕީޗެއްދެއްވާފައެވެ.
އަދި ކުރީ އަހަރުތަކެކޭވެސް އެއްފަދައިން
މިއަހަރުގެ އެސެމްބްލީއާ ގުޅުވައިގެން ބޭއްވުނު "ވޯކް ދަ ޓޯކް: ހެލްތު ފޯ
އޯލް ޗެލެންޖް"ގެ ހަރަކާތްތަކުގައި ދިވެހިރާއްޖޭގެ ވަފުދުގެ ބޭފުޅުންވެސް
ބައިވެރިވެވަޑައިގެންނެވިއެވެ. މި ޗެލެންޖްގެ މަޤްޞަދަކީ ދުޅަހެޔޮ ޞިއްޙަތެއްގައި
ހުރުމާއި ހެލިފެލިވެއުޅުމަށް ބާރުއަޅައި ހޭލުންތެރިކުރުވުމެވެ.
މީގެ އިތުރުން މެއިމަހުގެ 30 އިން
މި ހިނގާ ޖޫން މަހުގެ 1 ށް ކުރިއަށްދިޔަ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 153 ވަނަ
އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައިވެސް މިނިސްޓަރ އޮފް ހެލްތު، ނިޝާން މުލީގޭ
ޝަރަފުގެ ޢިއްޒަތުގެވެރިޔާ އަޙުމަދު ނަސީމާއި މިނިސްޓްރީ އޮފް ހެލްތުގެ
އިސްބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.