ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 152 ވަނަ ބައްދަލުވުން ފެށިއްޖެ

30 ޖެނުއަރީ 2023
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 152 ވަނަ ބައްދަލުވުން ފެށިއްޖެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 152 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް އަޙުމަދު ނަސީމް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. މިބައްދަލުވުމަކީ، ދުނިޔޭގެ 34 ޤައުމަކުން، ސިއްޙީ ދާއިރާގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ބައިނަލް އަޤްވާމީ މުހިންމު ނިންމުންތަކެއް ނިންމާ އެންމެ މަތީ ފަންތީގެ ބައްދަލުވުމެކެވެ.
8 ދުވަހުގެ މުއްދަތަށް މިއަދު ފެށި މިބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރޝިޕް އަދި ނޮން-މެންބަރޝިޕް ޤައުމުތަށް ހިމެނޭގޮތަށް ސްވިޒަރލޭންޑްގެ ޖެނީވާގައެވެ. އަދި 2022 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 3 އަހަރުގެ މުއްދަތަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެގްޒެކްޓިވް ބޯޑުގައި، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ޤައުމުތައް ދިވެހިރާއްޖެއިން ތަމްޞީލްކުރަމުން ގެންދާނެއެވެ.
މި ބައްދަލުވުމުގައި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 75 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގައި ނިންމި ނިންމުންތަކާއި، ޕްރޮގްރާމް، ބަޖެޓް އެންޑް އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުތަކާގުޅޭ މަޝްވަރާތަކާއި މި އަހަރުގެ 76 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ އެޖެންޑާތަކަށް މަޝްވަރާކުރެވި ނިންމުންތައް ނިންމިގެންދާނެއެވެ. އަދިހަމައެހެންމެ، ކޯވިޑް-19 ފަދަ ޞިއްޙީ ކުއްލި ނުރައްކަލުގެ ކާރިސާ ތަކުން ރައްކާތެރިވުމަށްޓަކައި ޕްރިޕެއަރޑްނެސް އަދި ރެސްޕޮންސް އާއި ގުޅޭ މަޝްވަރާތަކެއް ހިންގުމާއި، މިކަމާގުޅޭ މުހިއްމު ނިންމުންތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ޤައުމުތަކަށް ފޯރުކޮށްދޭ އެހީތައް އެންމެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުން ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާގުޅޭ މަޝްވަރާތައްވެސް ކުރެވިގެންދާނެއެވެ.