ދުންފަތާ ދެކޮޅަށް ޒުވާނުންގެ އިސްނެގުން: މ. މުލަކުގައި ޚާއްޞަ ޕެނަލް ޑިސްކަޝަނަކާއި ލައިވް ކެންވަސް ހަރަކާތެއް ! އައު

28 ޖޫން 2026
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން މ. މުލަކުގައި އިއްޔެ ބޭއްވި ރަސްމީ ހަރަކާތްތަކުގެ ތެރެއިން، ރޭގަނޑުގެ ދަންފަޅީގައި ޒުވާނުން އިސްވެ ޚާއްޞަ ޕެނަލް ޑިސްކަޝަނަކާއި ލައިވް ކެންވަސް ޕެއިންޓިންގ ހަރަކާތެއް ވަނީ ބާއްވައިފިއެވެ.
މިނިސްޓްރީއާއި  މ މުލަކުގެ ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން ބޭއްވި މި ހަރަކާތްތަކަކީ ދުންފަތުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމުގައި ޒުވާނުންނާއި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގުނު ވަރަށް ކާމިޔާބު ހަރަކާތެކެވެ.
އެގޮތުން ރޭގެ ދަންފަޅީގައި ކުރިއަށްދިޔަ އެންމެ ފާހަގަކޮށްލެވުނު އެއް ހަރަކާތަކީ ޒުވާނުން އިސްވެ ތިބެ ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަނެވެ. މި މަޝްވަރާ ބައްދަލުވުމުގައި ދުންފަތާ މެދު ހޭލުންތެރިވެ، އަމިއްލަ ނަފުސު ދުންފަތުން ދުރުހެލިކުރުމާއި، ދުންފަތާއި ނިކޮޓިންގެ ސަބަބުން ޒުވާން ޖީލަށް ކުރާ ނޭދެވޭ އަސަރުތަކާއި، ދުންފަތުގެ ސިނާއަތުން ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ މާކެޓިންގ އުކުޅުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.
އަދި މި ޕެނަލް ޑިސްކަޝަން ކުރިއަށްދިޔައިރުގައި އިއްޔެ ހަވީރު ފެއްޓެވި "ލައިވް ކެންވަސް" ޕެއިންޓިންގ ހަރަކާތް ވެސް ވަނީ ކުރިއަށްގެންގޮސް ނިންމާލާފައެވެ.
މި ގޮތުން ކެންވަސްތައް ކުރެހުމާއި ކުލެޖެއްސުން ފުރިހަމަކޮށް ނިންމާލާފައިވަނީ ޒުވާނުންކަން ފާހަގަކޮށްލަމެވެ. މި ކުރެހުންތަކުގައި ދުންފަތާއި ދުމުން ލިބޭ ގެއްލުންތަކާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ނަސޭހަތްދީފައިވާ މެސެޖްތަކާއި، ދުންފަތުން ސަލާމަތްވެފައިވާ މުޖުތަމައެއް ރަމްޒުކޮށްދޭ ކުރެހުންތައް ހިމެނެއެވެ.
ލައިސް ކެންވަންސް ހަރަކާތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. އަރިހުގައި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ އާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު މިސް ޕޭޑަންއާއި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހީމް ނައުފަލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދުންފަތާ ދެކޮޅަށް ސަރުކާރުން ފަށާފައިވާ 5 އަހަރުގެ ގައުމީ ކެމްޕޭނަށް އެއްބާރުލުން ދިނުމުގެ ގޮތުން މ. މުލަކުގައި ބޭއްވި ހަރަކާތްތަކުގައި މުލަކުގެ ރައްޔިތުންނާއި ޚާއްޞަކޮށް ޒުވާނުން ވަނީ ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކަވާފައެވެ.