ދިވެހިރާއްޖޭގެ
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އާއި، ސްރީލަންކާގެ މިނިސްޓްރީ
އޮފް ހެލްތު އެންޑް މާސް މީޑިއާ އާ ދެމެދު، ޞިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމާ
ގުޅޭގޮތުން ސޮއިކޮށްފައިވާ ފަހުމުނާމާ (އެމް.އޯ.ޔޫ) ގެ ދަށުން ބޭއްވުނު ފުރަތަމަ
ޖޮއިންޓް ވާކިންގ ގްރޫޕު (ޖޭ.ޑަބްލިޔު.ޖީ) ބައްދަލުވުން 28 އޮކްޓޫބަރު 2026 ގައި ވަރޗުއަލްކޮށް
ބާއްވައިފިއެވެ. މި ޖޮއިންޓް ވޯކިންގ
ގުރޫޕަކީ، 2023 ޖުލައި 7 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް
ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކޮޅުނބުގައި ސޮއިކުރެވުނު ފަހުމުނާމާ
ތަންފީޒުކުރުމަށް މަގުފަހިކުރުމުގެ ގޮތުން އެކުލަވާލެވުނު ގުރޫޕެކެވެ.
މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ
އެކުވެރިކަމާއި ބަދަހި ގުޅުން އައުކޮށް، ޞިއްޙީ ދާއިރާއިން ދެ ޤައުމުގެ
ދެމެދުގައިވާ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ދެ ސަރުކާރުން ދެއްވާ
އަހައްމިއްޔަތު ހާމަވެގެންދިޔަ ބައްދަލުވުމެކެވެ.
ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން
އިސްކަންދޭނެ މައިގަނޑު ދާއިރާތަކާ ގުޅޭގޮތުން ދެ ފަރާތުން ވަނީ ފުޅާ
ދާއިރާއެއްގައި ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފައެވެ. އޭގެ ތެރޭގައި:
- އިންސާނީ ވަޞީލަތް ތަރައްޤީކުރުން
- ޞިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ މާހިރުން ހޯދުން
- ޤާބިލުކަން އިތުރުކުރުމާއި ތަމްރީނުގެ ފުރުސަތު
ހޯދުން
- ރެގިއުލޭޓަރީ ދާއިރާއިން އެއްބާރުލުން ދިނުން
- ބޭހާއި ޞިއްޙީ އާލާތްތައް ހޯދުމާއި ފޯރުކޮށްދިނުން
- ލޭ އަޅައިދިނުމުގެ ޚިދުމަތްތައް
- ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް
- މަސްތުވާތަކެތީގެ ފަރުވާ / ރީހެބިލިޓޭޝަން
ޚިދުމަތްތައް
- ޚާއްޞަ ޞިއްޙީ ފަރުވާތައް ފުޅާކުރުން
މީގެ އިތުރުން، ދެ ޤައުމުގެ ކަމާބެހޭ މުއައްސަސާތަކުގެ ދެމެދުގައި އޮންނަ
ގުޅުން ހަރުދަނާކޮށް، ޢަމަލީ ގޮތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތައް
ދެނެގަތުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ސްރީލަންކާއިން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އަބަދުވެސް ދެއްވަމުން
ގެންދަވާ އެއްބާރުލުމަށާއި، ޚާއްޞަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި
ޚިދުމަތްކުރައްވާ ސްރީލަންކާގެ ފަންނީ މުވައްޒަފުންގެ އަގުހުރި ޚިދުމަތް
ފާހަގަކޮށް، ރާއްޖޭގެ ވަފުދުން ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މަޢުލޫމާތާއި
ތަޖުރިބާ ބަދަލުކުރުމާއި، ފަންނީ އެހީތެރިކަމާއި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް
ޕްރޮގްރާމްތައް މެދުވެރިކޮށް ދެ ފަރާތުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ
ފުރުޞަތުތަކާ ގުޅޭގޮތުންވެސް ބައްދަލުވުމުގައި އަލިއަޅުއްވާލެއްވިއެވެ.
ބައްދަލުވުން ނިންމާލައްވަމުން، ޖޮއިންޓް ވާކިންގ ގްރޫޕުގެ މެކޭނިޒަމްގެ
ތެރެއިން ގާތުން ވިލަރެސްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކޮށްގެން މި
އެމް.އޯ.ޔޫގެ ކަންކަން ތަންފީޒުކުރުން ކުރިއަށް ގެންދިއުމަށް ދެ ޤައުމުގެ ވަފުދުން
ވަނީ އެއްބަސްވެވަޑައިގެންފައެވެ.
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް
ވެލްފެއަރ ގެ ފަރާތުން، ސްރީލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާ
އަށާއި، ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރި ޝުކުރު
އަދާކުރައްވައި، ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ޞިއްޙީ
ދާއިރާއިން އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް އުންމީދުކުރާކަން
ހާމަކުރެއްވިއެވެ.