ހެލްތު ޕްރޮޓެކްޝަން އެޖެންސީ
(އެޗް.ޕީ.އޭ) އިން ކުރިއަށް ގެންދާ "ދަފަރާ" ކެންޕެއިންގެ ސަބަބުން،
އަދާއި މާދަމާގެ ޖީލު ދުންފަތުން ރައްކާތެރި ކުރެވިގެންދާނެ ކަމަށް އެޗް.ޕީ.އޭގެ
ޑެޕިއުޓީ ޑިރެކްޓަރ ހަސަން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ހަސަން މިހެން ވިދާޅުވީ،
މިނިސްޓްރީ އޮފް ހެލްތާއި ޕަބްލިކް ސާރވިސް މީޑިޔާ (ޕީ.އެސް.އެމް) ގުޅިގެން،
ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ 5 އަހަރު މާސްޓަރ ޕްލޭނާ ބެހޭގޮތުން
ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހަސަން ވިދާޅުވި ގޮތުގައި، ދުންފަތުގެ
އިސްތިއުމާލު ކުރުން ހުއްޓާލުމުގެ ސަބަބުން، އެމީހާ ކުރާ އިސްރާފު ކުޑަވެ،
އެމީހާގެ އާމްދަނީން ދިރިއުޅުމުގެ އެހެންބޭނުންތަކަށް ހަރަދު ކުރެވޭނެއެވެ. އަދި
މި ކެންޕެއިންގެ ތެރެއިން ކުޑަކުދިން ދުންފަތް ބޭނުންކުރުން ހުއްޓުވުމަށް ހާއްސަ
އިސްކަމެއްދޭނެ ކަމަށްވެސް، ހަސަން ވިދާޅުވިއެވެ.
ހަސަން އިތުރަށް ވިދާޅުވި
ގޮތުގައި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ކަންކަމުގައި އިސްކަންދެނީ ޑަބްލިޔުއެޗްއޯ
އަދި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގައި ކަނޑައެޅިފައިވާ
ޤައިޑްލައިންތަކާއި އެއްގޮތަށް ކަންކަން ކުރުމައް ކަމަށާއި، ދުންފަތުން ދުރުވާން
ބޭނުންވާ ފަރާތްތަކަށް އާއިލާ އަދި ރަހުމަތްތެރިންގެ އެހީތެރިކަންވެދް ބޭނުންވާނެ
ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު މާލެ
ސަރަހައްދުގައި ސެޒޭޝަންގެ ހިދުމަތްދޭ ކްލިނިކްތައް މިހާރުވެސް ޤާއިމުކުރެވިފައި
ހުންނާނެ ކަމަށާއި، ކުއިކްލައިންގެ ޒަރިއްޔާއިން ދުންފަތުން ސަލާމަތްވުމަށް
ބޭނުންވާ ފަރާތްތަކަށް ކޮންމެ ވަގުތެއްގައިވެސް ދޭން ޖެހޭ އިރުޝާދުތައް
ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ދުންފަތާ ދުރުހެލިވާން ބޭނުންވާ
ފަރާތްތަކަށް މިހާރު ވަނީ ކްއިޓްލައިނެއްވެސް ޤައިމްކޮށްފައެވެ. ނަންބަރަކީ 1676.
މި ނަންބަރުން ދުންފަތަށް ދެވިހިފާފައިވާ ފަރާތްތަކަށް ހުއްޓަލުމަށް ބޭނުންވާ
ފަރާތްތަކުން ކަންކުރަންވީގޮތުގެ އެހީތެރިކަން ލިބިގެންދާނެއެވެ. މި ނަންބަރުން 24
ގަޑިއިރު ޚިދުމަތް ލިބޭނެއެވެ..