"ދަފަރާ" ކެމްޕޭން ތ. އަތޮޅުގައި ބާއްވައިފި

12 ނޮވެމްބަރު 2024
ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ތ. އަތޮޅު ހޮސްޕިޓަލް ގުޅިގެން "ދަފަރާ" ކެމްޕޭންގެ ދަށުން "ޓްރޭނިންގ އޮން ބޭސިކްސް އޮފް ޓޮބޭކޯ ސެޒޭޝަން" ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ނޮވެންބަރު މަހުގެ 5 ން 6 އަށް ތ.އަތޮޅު ވޭމަންޑޫގައި ބާއްވައިފިއެވެ. މި ތަމްރީންތަކުގައި ސެޝަންތައް ނަންގަވައިދެއްވީ ދަމަނަވެށީގައި މަސައްކަތްކުރައްވާ ކަމުގެ ފަންނީ ބޭފުޅުންނެވެ.  މި ތަމްރީނު ޕްރޮގްރާމުގައި ދުންފަތުގެ އިސްތިޢުމާލުކުރުމުން މީހުން ދުރުހެލި ކުރުމުގެ ގޮތުން ހުއްޓާލަން ބޭނުންވާ މީހުންނަށް، އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާއި އެކަމުގެ ހުނަރު ދަސްކޮށް ދެވުނެވެ. ތ. އަތޮޅުގެ 13 ރަށަކުން 21 ޞިއްޙީ ޚިދުމަތްތެރިން ހިމަނައިގެން މި ހިންގުނު ޕްރޮގްރާމްގެ މަޤުޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިކަން ބޭނުންވާ މީހުންނަށް މި ޚިދުމަތްތައް ތ. އަތޮޅުގައި ދެވޭނެ މަގު ތަނަވަސް ކޮށްދިނުމެވެ. މީގެ އިތުރުން "ދަފަރާ" ކެމްޕޭންގެ ދަށުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން  މި ފަދަ ޕްރޮގްރާމް ތަކެއް ނ.އަތޮޅު ހޮސްޕިޓަލާއި ލ. ގަމު ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން ވަނީ ހިންގާފައެވެ.
މި ތަމްރީނުގައި ބައިވެރިވެ ވަޑައިގެންނެވި ޞިއްޙީ ޚިދުމަތްތެރިންނަށް ސެޓްފިކެޓް ދެވުނެވެ.