ޑެންގީ ހުމުން ރައްކާތެރިވުމަށް މަތިރި އުފެދޭ ތަންތަން ނައްތާލާ މަދިރިން ރައްކާތެރިވުމަށް ޑރ. އަހުމަދު ފައިސަލް ގޮވާލައްވައިފި

23 ޖޫން 2024
ޑެންގީ ހުމަކީ ފުރާނަޔަށް ނުރައްކާތެރި ބައްޔަކަށްވާއިރު ޑެންގީ ހުމުން ރައްކާތެރިވުމަށް މަދިރި އުފެދޭ ތަންތަން ނައްތާލާ މަދިރި ހެފުމުން ރައްކާތެރިވެ ތިބުމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް އިލްތިމާސް ކުރައްވައިފި އެވެ.
މިދުވަސްވަރަކީ ޑެންގީ ހުން ޖެހުން އިތުރުވަމުން އަންނަ ދުވަސްވަރަކަށް ވާތީވެ މިބަލިން ރައްކާތެރިވުމަށް އިލްތިމާސް ކުރައްވާ ޑރ. ފައިސަލް ވިދާޅުވީ ޑެންގީ ހުމަކީ ބައެއް ފަހަރު ފުރާނަޔަށްވެސް ނުރައްކާވާ  ބައްޔެއް ކަމަށެވެ. އެހެންވީމާ ޑެންގީ ހުމުން ރައްކާތެރިވުމަށް މަދިރި އުފެދޭ ތަންތަން ނައްތާލާ މަދިރިން ރައްކާތެރިވެ ތިބުމަށް ފައިސަލް ވިދާޅުވި އެވެ.
ޑެންގީ ހުމުގެ އަލަމާތްތަކަށް ސަމާލުކަންދެއްވުމަށް އިލްތިމާސް ކުރައްވާ ފައިސަލް ވިދާޅުވީ އެންމެ މުހިންމު ދެ އަލާމާތަކީ ލޭގެ ޕްރެޝަރު ދައްވެގެން ފެންނަ އަލަމާތްތަކާ ލޭ އައިސްގެން ފެންނަ އަލާމާތްތައް ކަމަށެވެ. މީގެ އިތުރުން ޑެންގީ ހުން ޖެހުމަށް ފަހު ހުން މަޑުވެ ދެން އަންނަ 48 ގަޑިއިރަކީ އެންމެ ނުރައްކާތެރި ވަގުތުކޮޅު ކަމަށްވެސް ޑރ.ފައިސަލް ވިދާޅުވި އެވެ.
ލޭގެ ޕްރެޝަރު ދައްވެގެން ފެންނަ އަލާމާތްތަކަކީ ވަރުބަލިވުމާ، އަތާ ފަޔާ ފިނި ވުމާ، ކުޑަކަމުދިޔުން ލަސްވުމާ ވަރުދެރަވެ ހިނގާބިނގާވެ އުޅުމަށް ދަތިވުން ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.
 ލޭ އައިސްގެން ފެންނަ އަލާމާތްތަކަކީ ނޭފަތުން ލޭ އައުމާއި، ހިރުގަނޑުން ލޭ އައުމާއި، ބައެއްފަހަރު ހަމުގައި ލޭ ތިކިތަކެއް ގޮތަށް ބިހި ތަކެއް ނެގުމުގެ އިތުރުން ބައެއް ފަހަރު ހޮޑުލާ އިރު ނޫނީ ބޮޑުކަމުދާ އިރު ލޭ އައުން އެކަށިގެންވާ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.
ޑރ. ފައިސަލް ވިދާޅުވީ ހުން މަޑުވާއިރުވެސް އާންމު ހާލަތު ރަނގަޅު ނުވާކަމުގަ ވާނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށެވެ.
މިދުވަސްވަރަކީ ޑެންގީ ހުން އާންމު ދުވަސްވަރަކަށްވާތީވެ މަދިރިން ރައްކާތެރިވެތިބުމަށް ޞިއްހަތާ ބެހޭ ވުޒާރާއިންވެސް އިލްތިމާސް ކުރެއެވެ. މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ހެލްތު މިނިސްޓްރީން ވަނީ ގިނަ މަސައްކަތްތަކެއް ފަށަފަ އެވެ. އޭގެ ތެރެގައި މާލެ އާއި އަތޮޅު ތެރޭގައި ކައުންސިލްތަކާއި ގުޅިގެން މަދިރި ބޭސް ޖަހާ ރަށުތެރެ ފޮގް ކުރުމުގެ މަސައްކަތްތަކެއް ވަނީ ފަށާފައެވެ.
ޑެންގީ ހުމަކީ އީޑީސް މަދިރީގ ޒަރިއްޔާއިން ފެތުރޭ، ފުރާނައަށް ނުރައްކާވެދާނެފަދަ  ބައްޔެކެވެ.