ބ.ދަރަވަންދޫ ޞިއްޙިމަރުކަޒުގައި އަވަސް ފަރުވާދޭ ޔުނިޓެއް ޤާއިމުކޮށްފި

28 ސެޕްޓެމްބަރު 2022
ބ.ދަރަވަންދޫ ޞިއްޙިމަރުކަޒުގައި އަވަސް ފަރުވާދޭ ޔުނިޓެއް ޤާއިމުކޮށްފިއެވެ.
  ބ. ދަރަވަންދޫގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ޔުނިޓް ހުޅުވައިދެއްވީ، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ މުނޫ މަހާވަރް އާއި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމްގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީއެވެ.
މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ދެއްކެވި ވާހަކަފުޅުގައި، ބ.ދަރަވުންދޫ ޞިއްޙީ މަރުކަޒުގައި ޤާއިމުކުރެވި މިއަދު ހުޅުވިގެންދާ އަވަސް ފަރުވާދޭ ޔުނިޓަކީ، "ސްޓްރެޓެޖިކް" ތަނެއްގައި ޤާއިމު ކުރެވޭ މުހިއްމު ޚިދުމަތެއް ކަމުގައި ފާހަގަކުރެއްވިއެވެ.
މިގޮތުން މިރަށުގެ ޞިއްޙީ މަރުކަޒަކީ މިސަރަހައްދުގެ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯރޓްތަކުން އާއްމުކޮށް ޚިދުމަތް ހޯދާތަނަކަށް ވެފައި، އަވަސްފަރުވާގެ ޒަމާނީ ވަޞީލަތެއް ޤާއިމުވެފައިވުމަކީ، މި ރަށާއި މި ސަރަހައްދުގެ ރައްޔިތުންގެ އިތުރުން، މި ސަރަހައްދަށް ޒިޔާރަތްކުރާ ފަތުވެރިންނަށްވެސް، ހިތްހަމަޖެހުމާއި، ދިމާވެދާނެ ކުއްލި ޙާލަތްތަކުގައި އެކަށީގެންވާ އަވަސްފަރުވާގެ ޚިދުމަތް ގާތުންލިބިގެންދާނެ ތަނެއްކަމުގައި ފާހަގަކުރެއްވިއެވެ.
"އިމަރޖެންސީކޮށް، ޞިއްޙީ ޚިދުމަތުގެ އެހެނިހެން މަރުކަޒަށް ވައިގެމަގުން ގެންދިއުމަށް، މި ބަނދަރަށް ގެނެވޭމީހާ، ފްލައިޓަށް އެރުވެންދެން ބާއްވާފަ އޮންނަ ވަގުތަކީ މި ދެންނެވިފަދަ ނާޒުކު ވަގުތެއް.  ވީމާ މި ހުރިހާ ގޮތަކުން ބެލިނަމަވެސް، މި ޚިދުމަތަކީ، މިތާނގައި ކޮންމެހެންވެސް ޤާއިމު ކުރަންޖެހޭ، "ސްޓްރެޓެޖިކް" އަދި "ކްރިޓިކަލް" ޚިދުމަތެއް." މިނިސްޓަރ ވިދާޅުވިއެވެ.
ބ.ދަރަވަންދޫ ޞިއްޙިމަރުކަޒުގައި ޤާއިމުކުރި އަވަސްފަރުވާދޭ ޔުނިޓަކީ، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ޤާއިމުކުރެވިފައި ޔުނިޓެކެވެ. އިންޑިއާ ސަރުކާރުން މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 7.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ދިވެހި ސަރުކާރުން މި ޕްރޮޖެކްޓަށް ޚަރަދުކޮށްފައިވަނީ ގާތްގަނޑަކަށް 3 މިލިއަން ރުފިޔާއެވެ.
 މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވަނީ މިޔުނިޓް ގާއިމުކުރުމަށް އިންޑިއާ ސަރުކާރުން ވެދެއްވި ދީލަތި އެހީތެރިކަން ފާހަގަކޮށް،ޝުކުރުއަދާކުރައްވާފައެވެ.
 މީގެ އިތުރުން  މިނިސްޓަރ ދެއްވި ވާހަކަފުޅުގައި ،ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް މި ސަރުކާރުން ފެއްޓެވި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ހައި ސްޕީޑް ފެރީގެ ޚިދުމަތުގެ ސަބަބުން ހެޔޮ ބަދަލެއް އެންމެބޮޑަށް ފެނިގެންދާނެ އެއް ދާއިރާއަކީ، ޞިއްޙީ ދާއިރާކަން ފާހަގަކުރައްވާފައިވެއެވެ.
މިގޮތުން މި ޚިދުމަތުގެ ސަބަބުން އަމިއްލައަށް ދަތުރު އިންތިޒާމް ކޮށްގެން ޞިއްޙީ ޚިދުމަތް ހޯދުމަށް ބޮޑެތި ހޭދަކުރަންޖެހޭތީ، އާއްމުކޮށް ހޯދަންޖެހޭ ފަރުވާ ނުހޯދި ލަސްވެ، ބަލި ޙާލަތު ބޮޑުވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މި ފަދަ ޚިދުމަތެއް ތަޢާރަފް ކުރުމުން ކައިރި ހިސާބުތަކުން ފަސޭހަ އަދި ހަރަދު ކުޑަކޮށް ޞިއްޙީ ޚިދުމަތް ހޯދުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.