ބަލިމީހުންގެ ރައްކާތެރިކަމާއި ގުޅޭގޮތުން ޤައުމީ ފެންވަރުގައި ބޭއްވުނު ފުރަތަމަ މަހާސިންތާ ނިމިއްޖެ

30 އޮކްޓޯބަރު 2022
މިއަހަރުގެ ބަލިމީހުންގެ ރައްކާތެރިކަމާބެހޭ ދުވަހުގެ ޝިއާރަކީ "ގެއްލުމާއި ނުލާ ބޭސްފަރުވާ" މިއެވެ. އަދި މި މަހާސިންތާގެ ޝިއާރަކީ "ބަލިމީހުންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުން ފެށެނީ އަހަރެންނާއި ހަމައިން" މިއެވެ. 
މިނިސްޓްރީ އޮފް ހެލްތާއި ޑަބްލިޔު.އެޗް.އޯއާއި ގުޅިގެން ބޭއްބި މި މަހާސިންތާ ބާއްވާފައިވަނީ 23 އޮކްޓޯބަރ އިން 27 އޮކްޓޯބަރު 2022 އަށެވެ.
 މި މަހާސިންތާގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ޞިއްޙީ ޚިދްމަތްތެރިން ބައިވެރިވެފައިވެއެވެ. އެގޮތުން ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބޯޓްރީ ޓެކްނީޝަނުންނާއި، ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި އަދި ޞީއްޙީ ދާއިރާގެ އެކިއެކި ފަންނީ ގލެކްޗަރާއިން ހިމެނެއެވެ. އެގޮތުން މި މަހާސިންތާގައި 75 ފަރާތް މަހާސިންތާގެ ޖަލްސާއަށް ވަޑައިގެން ބައިވެރިވެ ވަޑައިގެންފައިވާއިރު 100 އަށްވުރެ ގިނަ ފަރާތްވަނީ އޮންލައިންކޮށް ބައިވެރިވެފައިއެވެ.
 މަހާސިންތާގެ ޖަލްސާތަކަށް މާލެ ހިމެނޭ ގޮތަށް ކޮންމެ އަތޮޅަކުން 2 ފަރާތުން ހާޒިރުވެ ބައިވެރިވެފައިވެއެވެ. އަދި މާލެ ސަރަހައްދުގައި ހިމެނޭ ހޮސްޕިޓަލްތަކުން 3-7 އަދަދަށް ޞިއްޙީ ޚިދްމަތްތެރިން ބައިވެރިވެފައިވެއެވެ. ވާޗުއަލްކޮށް މިމަހާސިންތާގައި ބައިވެރިވެފައިވަނީ ޞިއްޙީ ޚިދްމަތްދޭ މަރުކަޒުތަކުގައި މަސައްކަތް ކުރައްވާ ޞިއްޙީ ޚިދްމަތްތެރިންނެވެ. އެގޮތުން މި ފުރުސަތު ހުރިހާ ރަށެއްގެ ޞިއްޙީ ޚިދްމަތްދޭ މަރުކަޒުތަކަށް ދެވިފައިވާކަން ފާހަގަ ކުރަމެވެ. 
މިމަހާސިންތާގައި ބަލިމީހުންގެ ރައްކާތެރިކަމާއި، ރައްކާތެރި ގޮތުގައި ބޭސް ދިނުމާއި، ގެއްލުމާއި ނުލާ ބޭސް ދިނުމާއި، އިންފެކްޝަނުން ރައްކާތެރިވުމާއި އަދި ކޮންޓްރޯލް ކުރުމާއި، ޞިއްޙީ ޚިދްމަތްދޭ ތަންތަނުން ޖެހޭ އިންފެކްޝަން  މޮނިޓަރ ކުރުމާއި، ޞިއްޙީ ޚިދްމަތްދޭ ތަންތަނުގައި އުފެދޭ ކުނި މެނޭޖްކުރުމާއި، ޞިއްޙީ ޚިދްމަތްދޭ އާލާތްތައް ރައްކާތެރިކުރުމާއި، ބަލިމީހާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ފަރމަސިސްޓުންގެ މުހިންމުކަމާއި ބޭނުންތެރިކަން، ސަރގަރީތަކުގެ ރައްކާތެރިކަމަށް ބޭނުންކުރާ ސަރޖިކަލް ޗެކްލިސްޓަށް އަހުލުވެރިކުރުމާއި، ޞިއްޙީ ދާއިރާގެ އެކިއެކި ކޯސްތަކުގެ ކަރިކިއުލަމްގއި އިންފެކްޝަނުން ރައްކާތެރިވުމާއި އަދި ކޮންޓްރޯކް ކުރުމާއި ބެހޭ ކަންކަން ހިމެނުމުގެ މުހިއްމު ކަމާއި، ބަލިމީހުންގެ ރައްކާތެރިކަމާއި ގުޅޭ ހާދިސާތައް ރިޕޯރޓް ކުރުމާއި އަދި އެފަދަ ހާދިސާތަކުން ދަސްކުރާނެ ނިޒާމްތަކާއި އަދި "ޕޮއިންޓް އޮފް ކެއަރ" ކޮލިޓީ ހިފެހެއްޓުމާއި ގުޅޭގޮތުން ނެގިފައިވާ ފިޔަވަޅުތަކުން ޓްރެއިނިންގ ދިނުމާއި ގުޅޭގޮތުން މި މަހާސިންތާގައި މަޝްވަރާ ކުރެވިފައިވެއެވެ. މި މަހާސިންތާއިން ކަމުގެ މާހިރުންނާއިއެކު އެކިއެކި ހާދިސާތަކުގެ ރިވިއުއާއި ގުޅޭގޮތުން މަޝްވަރާ ކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިފައި ވެއެވެ.
މިމަހާސިންތާގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ބައިވެރިވި ކަމުގެ ސެޓްފިކެޓް ދެވިފައިވެއެވެ. އަދި މަހާސިންތާގެ ދެވަނަ ދުވަހު ޞިއްޙީ ޚިދްމަތްދޭ ތަންތަނުން އުފެދޭ އިންފެކްޝަނާއި ގުޅޭ ބަޔާއި ބެހޭގޮތުން ޓެސްޓެއް ދެވިފައިވެއެވެ. އަދި މަހާސިންތާގެ ބައިވެރިންނަށް މަހާސިންތާ އެންމެ ފަހު ދުވަހު ދެވަނަ ޓެސްޓެއް ދެވި، މި ޓެސްޓުން %80  އަށްވުރެ މަތިން މާރކްސް ހޯދި ބައިވެރިންނަށް "ކޮމްޕީޓެންސީ" ސެޓްފިކެޓް ދެވިފައިވެއެވެ.
 މީގެ އިތުން މި މަހާސިންތާގައި ޖުމްލަ 30 ކޮލިޓީ ރަނގަޅު ކުރުމާއި ބެހޭ ޕްރޮޖެކްޓްތައް ފަރުމާ ކުރެވި، ފެސިލިޓޭޓާރުންގެ އެހީގައި ބައިވެރިންނަށް ހުށަހަޅާ ދެވިފައިވެއެވެ. މި ޕްރޮކްޓްތަކުގެ ތެރެއިން ކާމިޔާބު ކަމާއިއެކު ތަންފީޒުކުރެވޭ ޕްރޮޖެކްޓްތައް ބައިނަލްއަޤްވާމީ ނޫސް މަޖައްލާއެއްގައި ޝާޢިއު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެކި ޙޮސްޕިޓަލްތަކުން ހިންގާފައިވާ ކޮލިޓީ ރަނގަޅު ކުރުމުގެ ޕްރޮޖެކްޓްތައް ދައްކާލުމުގެ ފުރުސަތު، ތަޖްރިބާ ފޯރުކޮށްދިނުމުގެ ގޮތުން ބައިވެރިންނަށް ދެއްކިފައިވެއެވެ. މި މަހާސިންތާގައި މައުލޫމާތު ދެއްވާފައިވަނީ ރާއްޖެއިން 12 ކަމާގުޅޭ މާހިރުންނާއި ރާއްޖެއިން ބޭރުން 21 ފަރާތުންނެވެ.