ޤައުމީ ޞިއްޙީ ލެބޯރޓަރީ އެޅުމަށްޓަކާ
ފިސިބިލިޓީ ސްޓަޑީ ހެދުމާއި، ޢިމާރާތް ޑިޒައިންކުރުމާއި، ކޮންސްޓްރަކްޝަން ސުޕަވައިޒް
ކުރުމަށް ޖަރުމަނުގެ ކުންފުންޏެއްކަމުގައިވާ ޖައިޓެކް ޕްރައިވެޓް ލިމިޓެޑާ
ޙަވާލުކޮށްފިއެވެ.
މިމަސައްކަތް ހަވާލުކޮށްފައިވަނީUSD 1,230,160.64 އަށެވެ. ފީސިބިލިޓީ
ސްޓަޑީގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމާ، 145 ދުވަހުގެ ތެރޭގައި ޑިޒައިންގެ
މަސައްކަތް ނިންމުމަށްފަހު ކޮންސްޓްރކްޝަން މަސައްކަތުގެ ޓެންޑަރ ޑޮކިޔުމަންޓްސް ތައްޔާރުކުރުމާއި،
ކޮންސްޓްރަކްޝަން ސުޕަވަވިޝަން މަސައްކަތް ކުރިޔަށްގެންގޮސް ޑިފެކްޓް ލައިބިލިޓީ ޕީރިއަޑް ނިމެންދެން މަސައްކަތް ބެލެހެއްޓުމަށްށެވެ.
މިކަމަށްޓަކައި
މިއަދު (9 ނޮވެމްބަރ 2025) މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ
އޮފް ހެލްތުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ
ހެލްތު ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އަދި ޖައިޓެކް ކޮންސަލްޓިންގ ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ
ޑިރެކްޓަރ ހެލްތު އެންޑް ސޯޝަލް އިންފްރާސްޓްރަކްޗަރ، ކްރިސްޓިއަން ޖެމިނޮން އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޞިއްޙީ
ލެބޯރޓަރީ މިވަގުތު ހިނގަމުންދަނީ މިނިސްޓްރީ އޮފް ހެލްތު
ހިނގަމުންދާ އިމާރާތުގައި ކަމަށްވެފައި ތަނުގެ ޖާގައިގެ ދަތިކަން ހުރިގޮތުން، މި
ހިދުމަތް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ.
ހުޅުމާލޭގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ މި ލެބޯޓަރީއަކީ ބަޔޯސޭފްޓީގެ ލެވެލް
3ގެ މިންގަނޑުތަކަށް ތަރައްގީކުރެވޭ އެޑްވާންސް ފެންވަރުގެ ލެބޯޓަރީއެކެވެ. މި އިމާރާތް
ތަރައްގީކުރެވޭނީ 12 ފަންގިފިލާއަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. މި
އިމާރާތް ތަރައްގީކުރުމުގެ މަޝްރޫއަށް ފަންޑު ކޮށްފައިވަނީ ޔޫރަޕިއަން
އިންވެސްޓްމަންޓް ބޭންކާއި ދިވެހި ސަރުކާރުންނެވެ. މި މަޝްރޫޢު ތަންފީޒުކުރުމަށް
ހަމަޖެހިފައިވަނީ މައިގަނޑު ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ
ފިޔަވަހީގައި ކުރިއަށް ގެންދާނީ ފީސިބިލިޓީ ދިރާސާތަކާއި ޑިޒައިންގެ މަސައްކަތްތަކެވެ.
މި މަސައްކަތްތައް ނިންމުމަށްފަހު، މިފެށޭ އަހަރު، ދެވަނަ ފިޔަވަހީގައި ކުރިއަށް
ގެންދިޔުމަށް ހަމަޖެހިފައިވާ އިމާރާތްކުރުމާއި އިކުއިޕްކުރުމުގެ މަސައްކަތްތަކެވެ.
މި ލެބޯޓަރީގައި ވައިރޮލޮޖީ ރިސްކް ލެވެލް 2 އާއި 3 ވައިރަސްތައް
ތަޙްލީލުކުރުމުގެ އިންތިޒާމުތައް ޤާއިމު ކުރެވިގެންދާނެއެވެ. އަދި
ބެކްޓީރިއޮލޮޖީގެ ދާއިރާއިން ކުރަންޖެހޭ ތަޙްލީލުތައްވެސް ކުރެވޭނެއެވެ. މިހާރު ޤައުމީ
ޞިއްޙީ ލެބޯރޓަރީ ދެވޭ
ކާބޯތަކެއްޗާއި ބޭސް ތަހުލީލު ކުރުމުގެ ޚިދުމަތްތައް އިތުރަށް
ފުޅާކުރެވިގެންވެސްދާނެއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީ ވަޞީލަތްތައް ޤާއިމް
ކުރެވިގެންދާނެއެވެ. މީގެ ތެރޭގައި ރާއްޖެއަށް އެތެރެކުރެވޭ އަދި ރާއްޖެއިން
ބޭރުކުރެވޭ މިފަދަ ތަކެތި ތަހުލީލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން، މި ލެބޯޓަރީގައި މައިކޮލޮޖީ (ފަންގަސް ދިރާސާކުރުން)،
އެންޓޮމޮލޮޖީ (ސޫފާސޫފި ދިރާސާކުރުން) އަދި ޕެރަސައިޓޮލޮޖީ (ދިރޭ ސޫފާސޫފީގެ
ބަލިޖައްސާ ފަނިފަކުސަ ދިރާސާކުރުން) ގެ ދާއިރާތަކުން ދިރާސާތަކާއި ތަހުލީލުތައް
ކުރެވޭނެއެވެ. އަދި ޞީއްޙީ ދާއިރާއިން ކުރަން ބޭނުންވާ ދިރާސާތައް ކުރުމުގެ މަގު
ފަހިވެ ފުރުޞަތު ހުޅުވިގެންދާނެއެވެ. މި އިމާރާތުގައި ޤައުމީ އިންފްލުއެންޒާ ސެންޓަރ
ވެސް ޤާއިމުކުރެވޭނެއެވެ. އަދި ޤައުމީ ޞިއްޙީ ލެބޯޓްރީގެ އިތުރުން މޯލްޑިވްސް ފުޑް
އެންޑް ޑްރަގް އޮތޯރިޓީ މި އިމާރާތަށް ބަދަލުކުރެވިގެންދާނެއެވެ.
މި އިމާރާތުން މުވައްޒަފުންނަށް ޒަމާނީ ވަސީލަތްތަކާއެކު މަސައްކަތްކުރެވޭނެ
ފެންވަރު ރަނގަޅު މާޙައުލަކާއި، އަދި އެހެނިހެން ގިނަ ޚިދުމަތްތަކެއް
ފޯރުކޮށްދެވިގެންދާނެއެވެ. އެގޮތުން މަލްޓިޕާރޕޯސް ހޯލް، ލައިބްރަރީ، ޖިމް، ރެކްރިއޭޝަން،
ޗައިލްޑްކެއަރ، އެކަމަޑޭޝަން، ކެފެޓީރިއާ، ނަމާދުކުރާ ތަން އަދި ވެހިކަލް ޕާކުކުރެވޭނެ
ސަރަޙައްދު ހިމެނޭނެއެވެ. މީގެ އިތުރުން، މި އިމާރާތުގައި ކުނި މެނޭޖްކުރުމަށް ޚާއްޞަކުރެވިފައިވާ
ސަރަޙައްދުތަކާއި، މެޑިކަލް އަދި ނޮން-މެޑިކަލް ތަކެތި ރައްކާކުރާނެ ތަންތަނާއި، ކޯލްޑްޗެއިން
ފެސިލިޓީތަކުގެ އިތުރުން ބަޔޯމެޑިކަލް ވަރކްޝޮޕެއްވެސް ޤާއިމުކުރެވިގެންދާނެއެވެ.
ލެބޯޓަރީ ދާއިރާ އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި ރިސާރޗް އެންޑް
ޑިވެލޮޕްމަންޓް މަސައްކަތްތައް ކުރިއެރުވުމާއެކު، މި ދާއިރާއިން ފަންނީ މާހިރުން
ބިނާކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ. މި އިމާރާތް
ތަރައްޤީކުރެވޭނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން
ކަނޑައަޅާފައިވާ މިންގަނޑުތަކާއި، އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ
ސްޓޭންޑަޑައިޒޭޝަން (އައި.އެސް.އޯ)ގެ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ
ގޮތުގެ މަތިންނެވެ.