އާސަންދަ އިސްރާފު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ނިންމެވުން: 60،000 އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން 15 ޕަސެންޓު ކޯ-ޕޭމަންޓު ނެގުން 2017 ޖެނިއަރީ 1 ގައި ފަށަނީ! އައު

31 އޮކްޓޯބަރު 2026
ދައުލަތުގެ ޞިއްޙީ އިންޝުއަރަންސް ނިޒާމު، އާސަންދަ ހަރުދަނާކޮށް އިސްރާފު ކުޑަކުރުމަށްޓަކައި، މަހަކު 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން، ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި އަމިއްލަ (ޕްރައިވެޓް) ޞިއްޙީ މަރުކަޒުތަކުން ޚިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމަށް، 1 ޖެނުއަރީ 2027 އިން ފެށިގެން ޢަމަލުކުރަން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
އާސަންދަ ނިޒާމުގެ ތެރެއިން ކޯ-ޕޭމަންޓު ނެގުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފައިވާއިރު، މިނިސްޓްރީ އޮފް ހެލްތް ފެމެލީ އެންޑް ވެލްފެއާރ އިން ޢާންމުކުރި އިޢުލާނުގައިވާ ގޮތުން، މި ކޯ-ޕޭމަންޓް ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި، އާސަންދަ ސްކީމުގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި، ހޮސްޕިޓަލްތަކާއި، ފާމަސީތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ޚިދުމަތް ދޭ ތަންތަނުންނެވެ.
އެހެންކަމުން ސަރުކާރުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ އަތުން މިފަދަ އެއްވެސް ފީއެއް ނުނަގާނެއެވެ.
މީގެއިތުރުން، ސަރުކާރުގެ ފެސިލިޓީތަކުން ޚިދުމަތް ހޯދާއިރު، މިހާރުވެސް ޢަމަލުކުރަމުންދާ އުޞޫލުގެ ދަށުން އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވަންޖެހޭ ޙާލަތްތަކުގައި ވެސް އެއްވެސް ކޯ-ޕޭމަންޓެއް ނެގުމަކާ ނުލައި ފުރިހަމަ ޚިދުމަތް ލިބިގެންދާނެ ކަމަށް އިޢުލާނުގައިވެއެވެ.
އާމްދަނީ ބޮޑު ނަމަވެސް، ޤައުމަށް ނުހަނު ބޭނުންތެރި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށާއި ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ބައެއް ފަރާތްތައް ވަނީ މި އުޞޫލުން އިސްތިސްނާކޮށްފައެވެ. އެގޮތުން އިސްތިސްނާވާ ފަރާތްތަކަކީ:
  • ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުން
  • ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުން
  • އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުން
މިއީ އާސަންދަ ނިޒާމު ހަރުދަނާކުރުމަށާއި އިސްރާފު ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ވަރަށް މުހިންމު ނިންމެވުމެކެވެ.
މި ނިންމެވުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ވިދާޅުވެފައިވަނީ މި ސިޔާސަތަށް ގެންނަ އިޞްލާޙީ ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.
މިގޮތަށް ސަލާމަތްކުރެވޭ ފައިސާ، ރައްޔިތުންނަށް އެންމެ ބޭނުންތެރި އެހެނިހެން އަސާސީ ކަންކަމަށާއި އިޖުތިމާޢީ ތަރައްޤީއަށް ހޭދަކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.