އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ގެ މެޑިކަލް އިންޓަރންޝިޕް ފުރުޞަތު ހުޅުވާލައިފި އައު

01 މޭ 2025
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މެޑިކަލް އިންޓަރންޝިޕް ހެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އޭއީއެޗުން މިހާރު ވަނީ މެޑިކަލް އިންޓަރންޝިޕް ޕްރޮގުރާމުގެ ފުރަތަމަ އިންޓޭކް ގައި ބައިވެރިވުމުގެ ފުރުޞަތު ހުުޅުވާލާފައެވެ.
މި ފުރުޞަތު 30 އެޕްރީލު 2025 ދުވަހުން ފެށިގެން 15 މޭ 2025 ވާ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
އިންޓަރންޝިޕް ފުރުޞަތު ދެނީ 15 ފަރާތަކަށެވެ. އެހެން ކަމުން އިންޓަރންޝިޕަށް ޝަރުޠު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވާ ތާރީޚަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށެވެ.
މި އިންޓަރންޝިޕަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުމާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން އަދި ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން ހިމެނެއެވެ.
އެހެންކަމުން މި އިންޓަރންޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން މޭ 15 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް އޭއީއެޗްގެ އެޑްމިން އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.
އޭއީއެޗްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް މެޑިކަލް އިންޓަރންޝިޕް ހެދުމުގެ ފުރުޞަތު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.