ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް
ދެވޭ ޚިދުމަތުގެ ފެންވަރު މަތިކޮށް ޒަމާނާ އެއްގޮތަށް ޚިދުމަތްތައް ބައްޓަން
ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް
ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެކަށައެޅިފައިވާ 10 އަހަރު ދުވަހުގެ
ތެލެސީމިއާ މާސްޓަރ ޕްލޭންގެ ވެލިޑޭޝަން ބައްދަލުވުން މިއަދު ފަށައިފިއެވެ.
އިސްރަށްވެހިންގެ ނާދީގައި މިއަދު
ބޭއްވި ރަސްމިއަޔާތުގައި ވެލިޑޭޝަން ބައްދަލުވުން ފައްޓަވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުއެވެ.
މި ރަސްމިއްޔަތުގައި ވާހަކަފުޅު
ދައްކަވަމުން އެކަމަނާ ވިދާޅުވީ ތެލެސީމިއާ އަކީ ރާއްޖޭގެ އެތައް އާއިލާތަކަކުން ތަޙައްމަލުކުރަމުންދާ
އަދި ނިސްބަތުން މި ސަރަހައްދުގައި ދިވެހީންގެ
ތެރޭގައި ވިސްނާ ހޭލުންތެރިވާން ޖެހޭފަދަ ކަމަކަށްވާއިރު، މި ދިރާސާގެ
މަސައްކަތަކީ އެތައް އާއިލާއެއްގެ އަދި އެތައް ފުރާނައެއްގެ ޙައްޤުގައި ކުރެވޭ ވަރަށް
ބޭނުންތެރި އިލްމީ މަސައްކަތަކަށް ވާނޭކަމުގައި ފާހަގަކުރެއްވިއެވެ. އަދި މި
ދުރުރާސްތާ ޕްލޭނާއެކު ތެލެސީމިއާ ޕްރިވެންޝަން އަދި ކޮންޓްރޯލް ކުރުމަށް މުހިއްމު
ފިޔަވަޅު ތަކެއްވެސް އެޅިގެންދާނެ ކަމުގައި މެޑަމް ފާހަގަކުރެއްވިއެވެ.
މިއަދު ފެށި ތެލެސީމިއާ މާސްޓަރ
ޕްލޭން ވެލިޑޭޝަން ބައްދަލުވުމުގައި ސިއްހީ ދާއިރާގެ އިސްފަރާތްތަކާއި ކަމާ
ގުޅުންހުރި ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ތެލެސީމިއާ
މާސްޓަރ ޕްލޭންގެ ސްޓްރެޓެޖިކް ޕްލޭންތަކާއި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް
ހާސިލުކުރުމުގައި ކަނޑައަޅާފައިވާ ސިޔާސަތުގެ މައްޗަށް ރިއާޔަތްކޮށް މަޝްވަރާ
ކުރައްވާނެއެވެ.